އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ސިޓީން ކާމިޔާބުކޮށްފިއެވެ.

ޕޮއިންޓް ތާވަލުގެ 15 ވަނާގައި މިދިޔަ ސީޒަން ނިންމާލި ޔުނައިޓެޑްގެ އައު ސީޒަންގެ ފެށުން ވެސް އަދި ފެންނަން އޮތީ ވަރަށް ދަށްކޮށެވެ. މިހާތަނަށް ލީގުގައި ހަތަރު މެޗު ކުޅުނުއިރު މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރު ވެގެންންނެވެ. ރަށުން ބޭރުގައި ދަށް ރެކޯޑެއް އޮތް ޔުނައިޓެޑު، އެންމެ ފަހުން އަވޭގައި ކުޅުނު އަށް މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައިނުވެއެވެ.

Ad
rt

ޕީއެސްޖީ ދޫކޮށް ދާދި ފަހުން ސިޓީއާއި ގުޅުނު އިޓަލީގެ އެއް ނަމްބަރު ކީޕަރު، ޑޮނަރުންމާ ރޭ މެޗުގައި ވަނީ ސިޓީގެ ފުރަތަމަ އެގާރާގައި ހެމނިގެން ކުޅެފައެވެ.

ރޭ މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ލީޑުގައި އޮވެއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޑޮކޫ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޮޑެންއެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ ހާލަންޑްއެވެ. މެޗުގައި ހެޓްރިކް ފުރިހަމަ ކުރަން ވެސް ރަނގަޅު ފުރުސަތު ހާލަންޑަށް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއްނުވިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އަމޮރިމް ބުނީ އޭނާގެ ޓީމުގެ ކުޅުން ގޯސް ނޫން ކަމަށާއި ނަމަވެސް ނަތީޖާއިން އެކަން ނުފެނުން ކަމަށެވެ.

ސިޓީން ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވީ ދެ މެޗުންންނެވެ. އަދި އެ ޓީމް ވަނީ ދެ މެޗުން ބަލިވެފައެވެ. ލިބުނު ހަ ޕޮއިންޓާއިއެކު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ އަށްވަނާގައެވެ. ޔުނައިޓެޑް މިވަގުތު އޮތީ ހަތަރު ޕޮއިންޓާއިއެކު ސާދަވަނާގައެވެ.