ށ. ފޯކައިދޫގައި ސްކޭމް މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ސައިބާ ކްރައިމްސް އަވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 12 ވަނަ ދުވަހު ފޯކައިދޫ ސްކޫލުގައި ބޭއްވުނު މި ސެޝަނަކީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ސެޝަންގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އެންޓި ސްކޭމް ސެންޓަރުގެ، ހެޑް އޮފް އެންޓި ސްކޭމް ސެންޓަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދެވެ.
މި ސެޝަންގައި ވަނީ އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކާއި ބްލެކްމެއިލްކޮށްގެން ހިންގާ ކުށްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
މި ސެޝަންގައި ވަކިން ޚާއްސަކޮށް އަލިއަޅުވާލާފައިވަނީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމަށެވެ. މިގޮތުން، ކޭޝްކާޑު، ޕިންނަންބަރު ފަދަ އެއްވެސް މައުލޫމާތެއް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ޚާއްސަ އިރުޝާދުތަކެއް ދީފައިވެއެވެ. އަދި ސްމާޓް ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް އާލާތްތައް ރައްކާތެރިކުރުމާއި، ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އަމަލީގޮތުން ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންގެ ދައުރު
ޓެކްނޮލޮޖީގެ ޒަމާނުގައި ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ވެސް މި ސެޝަންގައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރިއެވެ. ޚާއްސަކޮށް، ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އެކަން މޮނިޓަރކުރުމުގެ މުހިންމުކަމާއި، ރައްކާތެރިނޫން ގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މައުލޫމާތު ދީފަވެއެވެ.
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްޔިތުން ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި، ފުލުހުން ދަނީ އަތޮޅުތެރޭގައި މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ޕްރޮގްރާމްތަކަކީ މުޖުތަމައުގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!