ޏ. ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ 16 ވަނަ ނޭޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ ސިޓީގެ ދެ ދުވުންތެރިން ރިކޯޑުތަކެއް އައުކޮށްފިއެވެ.
މި ސެޕްޓެމްބަރ މަހު 9 އިން 14 އަށް ކުރިއަށްދާ މި މުބާރާތުގައި މި ރިކޯޑުތައް މުގުރާލާފައިވަނީ ކުޅުދުއްފުއްޓައް ނިސްބަތްވާ "ޝަރީފް ސްޕޯޓްސް" ގެ ދެ އެތުލީޓުން ކަމަށްވާ، އަހުނާ ނިޒާރު އާއި އައިމިނަތު އައުހާ އަބްދުލްރަހްމާން އެވެ.
މިގޮތުން އަހުނާ ވަނީ މި މުބާރާތުގައި 20 އަހަރުން ދަށުގެ 200 މީޓަރު ދުވުން 26.12 ސިކުންތުން ނިންމާލައި ރިކޯޑު މުގުރާލާފައެވެ. އަދި 20 އަހަރުން ދަށުގެ 100 މީޓަރު ދުވުން އަހުނާ ވަނީ 12.66 ސިކުންތުން ނިންމައި، އައު ރިކޯޑެއް ހަދާފައެވެ.
މި މުބާރާތުގައި އައުހާ ރިކޯޑު ހަދާފައިވަނީ 15 އަހަރުން ދަށުގެ ލޯންގު ޖަމްޕުން، 4.44 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ 100 މީޓަރު ދުވުން 13.60 ސިކުންތުން ނިންމައި، އައުހާ ވަނީ އެ ރިކޯޑުވެސް މުގުރާލާފައެވެ.
އަހުނާ އާއި އައުހާ އަކީ މީގެ ކުރިންވެސް މިފަދަ މުބާރާތްތަކުގައި ރިކޯޑުތައް މުގުރަމުން ވިދަމުން އަންނަ ދެ އެތުލީޓުންނެވެ. މިގޮތުން މިއަހަރުގެ ޖޫން މަހު ކުޅުދުއްފުށީގައި ބޭއްވި މުބާރާތުގައި އަހުނާ ވަނީ ޖަލާލުއްދީން ސްކޫލް ތަމްސީލުކޮށް 100 މީޓަރުންނާއި 200 މީޓަރުން ރިކޯޑު މުގުރާލައި، 20 އަހަރުން ދަށުގެ ބެސްޓް އެތުލީޓުގެ މަޤާމު ހޯދާފައެވެ.
މީގެ އިތުރުން، އެ މުބާރާތުގައި އަފީފުއްދީން ސްކޫލުގެ ފަރާތުން ބައިވެރިވެ، އައުހާ ވަނީ 15 އަހަރުން ދަށުގެ ބެސްޓް އެތުލީޓުގެ މަޤާމު ހޯދައި، ލޯންގް ޖަމްޕް އިން ރެކޯޑު އައު ކޮށްފައެވެ.
މިހާރު ފުވައްމުލަކުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު 16 ސްކޫލަކާއި 9 ކްލަބަކުން ބައިވެރިވެފައިވާއިރު، 681 އެތުލީޓުން ވަނީ މި މުބާރާތުގައި ވާދަކުރުމަށް ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!