ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކާއި ގުޅިގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގުޅިގެން ރަށްރަށުގައި 500 ފަތްކެޔޮ ގަސް އިންދުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މިގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮމިޓީތަކުން ޕްލޭނެއް އެކުލަވާލައި ހުށަހަޅުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިއުލާނުކޮށްފައެވެ.

މީގެ ތެރޭގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ޒިންމާގެ ތެރޭގައި، މުޑުވަށް ފޯރުކޮށްދީ، ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށްދީ، ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑަބްލިއުޑީސީގެ ޒިންމާގެ ތެރޭގައި ފަތްކެޔޮ އިންދުމަށް އެކަށޭނެ ބިން ހޯދައި، އެ ބިން ސާފުކޮށް، މުޑުވައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނެ، ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަނޑު ބެލެހެއްޓުން ހިމެނެއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކޮށް، މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް އަމާޒު ހިފާފައެވެ.

މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދީ، އަދި ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތަޢާރަފްކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ރޭވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނެފައިވަނީ ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެއްކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

އެހެންކަމުން، މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޑަބްލިއުޑީސީ ތަކުން 25 ސެޕްޓެންބަރު 2025 ވާ ބުރާްސްފަތި ދުވަހުގެ 14:00 ގެ ކުރިން ޕްލޭން ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކޮށް، އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެ ވުޒާރާގެ އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ ފާޠިމަތު ޔުސްރާ (3339263) އަށް ގުޅުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.