ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހުޅުވުމުގެ ގޮތުން މި ސަރުކާރުގެ މުހިންމު ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު) އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުންކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

މިކަން ހާމަކުރަށްވާފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ''ރާއްޖެމިއަދު'' ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމެވެ.

Ad
rt

ޙަލީމް ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، ރައްޔިތުން އައިނު ހައްދަން ހޭދަކުރާ ބޮޑު ޚަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ސިއްޙީ ޚިދުމަތުގެ ތެރެއިން އައިނު ހެއްދޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަން ފާހަގަކުރަށްވާފައެވެ.

އެގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ދަށުން މިހާރުވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި، ރައްޔިތުންނަށް ޚިދުމަތް ދެމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މިކަމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މިވީ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލުން 400 އަށްވުރެ ގިނަ އައިނު ހަދަން އެދިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައިނު ހެއްދުމަށް އޮތް ބޮޑު ޑިމާންޑާއެކު އައިޖީއެމްއެޗްގެ އައިނު ފިހާރައަށް މިހާރުވަނީ އިތުރު މެޝިނެއް ގެނެސްފައެވެ. މި މެޝިނާއެކު، އައިނު ހެއްދުމުގެ ކެޕޭސިޓީ ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ސީއީއޯ ހަލީމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެވްރެޖްކޮށް ދުވާލަކު 35 އައިނާއި 40 އައިނާ ދެމެދު އައިނު ހަދަމުންދާއިރު، އިތުރު މެޝިނާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އޭނާ ވަނީ ލަފާކުރަށްވާފައެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެފައިވާގޮތުގައި، މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.