އިސްރާއީލުގެ ޢުދުވާނާ ގުޅިގެން ޤަޠަރު ސަރުކާރުން އަޅާނެ ހުރިހާ ފިޔަވަޅެއްގައި، އެއްވެސް އިމެއްނެތި ސަޢޫދީ ޢަރަބިއްޔާ ޤަޠަރުގެ ދިފާޢުގައި ދެމިތިބޭނެ ކަމަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖައެވެ.

ވަލީއަހުދު މިކަން ހާމަކުރެއްވީ ބުދަ ދުވަހު ރިޔާޟްގައި، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ޝޫރާ ކައުންސިލްގެ 9 ވަނަ ދައުރުގެ ދެވަނަ އަހަރުގެ ޙަރަކާތްތައް އިފްތިތާޙުކުރައްވަމުންނެވެ.

Ad
rt

ޝޫރާ ކައުންސިލްގައި ދެއްވި އަހަރީ ޚިޠާބުގައި ވަލީޢަޙުދު ވިދާޅުވީ، ޤަޠަރާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާން ސަޢޫދީ ޢަރަބިއްޔާއިން ދެކޮޅު ހަދައި ކުށްވެރިކުރާ ކަމަށާއި، އަވަށްޓެރި އެ ޤައުމަށް އެހީތެރިވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ކުޅަދާނަކަމެއް ބޭނުންކުރާނެ ކަމަށެވެ. މީގެ މަޤްޞަދަކީ މި ސަރަޙައްދުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ވަލީއަހުދު ވިދާޅުވެފަވެއެވެ.

ވަލީޢަޙުދުގެ ޚިޠާބުގައި ސަޢޫދީ ޢަރަބިއްޔާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަންދޭ ކަންކަން ވަނީ ހާމަކުރައްވައިފައެވެ. ވަލީއަހުދު ފާހަގަކުރެއްވީ، ސަޢޫދީ ދައުލަތް ތިން ގަރުނު ކުރިން ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތާއި ޢަދުލުވެރިކަމާއި މަޝްވަރާއަށް ބުރަވެ ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ކަމަށެވެ.

ވަލީއަހުދު ވިދާޅުވެފައިވާގޮތުގައި، ރައްޔިތުންނާއި، ޤައުމުގައި ދިރިއުޅޭ މީހުންނާއި، ޒިޔާރަތްކުރާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ޤައުމުގެ ރައްޔިތުންގެ ފެންވަރު އުފުލައި، ހުރިހާ ދާއިރާއަކުން ޤައުމު ކުރިއެރުވުމަށް ސަޢޫދީ ޢަރަބިއްޔާގެ މަސައްކަތްތައް ބިނާވެފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަޢޫދީ އިޤްތިޞާދަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތަކަށް އިޝާރާތްކުރައްވަމުން ވަލީޢަޙުދު ވިދާޅުވީ، ޤައުމުގެ ޖީ.ޑީ.ޕީ 4.5 ޓްރިލިއަން ރިޔާލަށް ވުރެ މަތިވެ، ޤައުމު މިހާރު ވަނީ ދުނިޔޭގެ މުހިންމު އިންވެސްޓްމަންޓް މަންޒިލަކަށް ބަދަލުވެފައި ކަމަށެވެ. އަދި ޤައުމުގެ ދިފާޢީ ޤާބިލިއްޔަތު އިތުރަށް ހަރުދަނާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން މަސައްކަތްކުރާ ކަމަށްވެސް އެ މަނިކުފާނު އިޢުލާންކުރެއްވިއެވެ.

އެ މަނިކުފާނު ފާހަގަކުރެއްވީ، ސަރުކާރުގެ ޚަރަދުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އަސަރުތައް ޤައުމުން ދެނެގަންނަމުންދާ ކަމަށެވެ.

"ދެމިހުންނެނިވި ތަރައްޤީއަށާއި އިޤްތިޞާދު ތަފާތުކުރުމަށްޓަކައި، އެންމެ އާމްދަނީއެއްގެ މައްޗަށް ބަރޯސާ ނުވެ، ސަރުކާރުގެ މާލީ ހާލަތު ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަން ދައުލަތުން ޤަބޫލުކުރެއެވެ. އަދި މީގެ ސަބަބުން ތަފާތު ވަޒީފާގެ ފުރުޞަތުތައް އުފެދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވަލީޢަޙުދު އިތުރަށް ވިދާޅުވީ، ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ރިއަލް އެސްޓޭޓްގެ އަގުތައް ޤަބޫލުނުކުރެވޭ މިންވަރަށް މަތިވެފައިވާ ކަމަށާއި، މި ކަމަށް ހައްލު ހޯދުމަށްޓަކައި ރިއަލް އެސްޓޭޓް ސެކްޓަރަށް ހަމަޖެހުން ގެނައުމަށް ސިޔާސަތުތައް ތަޢާރަފުކޮށްފައިވާ ކަމަށެވެ.

ފަލަސްޠީނުގެ މައްސަލައިގައި ސަޢޫދީ ޢަރަބިއްޔާގެ ހަރުދަނާ ސިޔާސަތަށް އަލިއަޅުވައިލައްވަމުން ވަލީޢަޙުދު ތަކުރާރުކުރެއްވީ، ޣައްޒާއަކީ ފަލަސްޠީނުގެ ބިމެއް ކަމަށާއި، އެއްވެސް ޢުދުވާނަކުން އެ ބިމުގެ އަހުލުވެރިންގެ ޙައްޤުތަކަށް އުނިކަން ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނަށް ދެ ދައުލަތުގެ ހައްލު ހޯދުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމުގައި ސަޢޫދީ ޢަރަބިއްޔާގެ މަސައްކަތްތައް ކާމިޔާބުވެފައިވާ ކަމަށާއި، ދެ ދައުލަތުގެ ހައްލަށް އެހީތެރިވުމަށް ހުރިހާ ޤައުމުތަކަށް ގޮވާލެއްވިއެވެ.

"ފަލަސްޠީނުގެ ޙައްޤުތަކަށް އެހީތެރިވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ސިޔާސަތުގައި އެއްވެސް ބަދަލެއް ނާންނާނެ،" ވަލީއަހުދު ވިދާޅުވެފަވެއެވެ.

ހަނގުރާމައިގެ ސަބަބުން ބައިބައިވެފައިވާ ސީރިޔާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް ވަޢުދުވެވަޑައިގަންނަވަމުން ވަލީޢަޙުދު ވިދާޅުވީ، ސީރިޔާގެ ސަރަޙައްދީ އެއްބައިވަންތަކަން ރައްކާތެރިކުރުމަށްޓަކައި ސީރިޔާގެ މައްޗަށް އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ.