މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫޢުގެ އެހީގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ.
މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގެ މަސައްކަތްތައް ކުރެވޭނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
9 ސެޕްޓެމްބަރ 2025 ވަނަ ދުވަހު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙަސަން މިރާސް އާއި ޖައިކާގެ ފަރާތުން އެ އިދާރާގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ޓަކި މޮޓޮއޯ ސޮއިކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މރ. ޓަކި މޮޓޮއޯ ވިދާޅުވީ މި މަޝްރޫޢަކީ ޖަޕާނުން ދިވެހިރާއްޖެއަށް ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއް ކަމަށެވެ. އަދި 2004 ގެ ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުން ކުޑަވެފައިވަނީ 1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫޢުތަކުގެ ސަބަބުން ކަމަށް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމިކޯ އާއި، ކަމާގުޅޭ ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!