ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަމަށާއި، އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ދަރިވަރުންނަށް ހަނދާންކޮށްދެއްވައިފިއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހެނދުނު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި، އެ ސްކޫލްގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވަނީ، ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވާފައެވެ. އަދި އުނގެނުމަކީ ނިމުމެއް ނުވާ ދަތުރެއްކަން ފާހަގަކުރައްވައި، ދިވެހި ޤައުމަށް ފާރަވެރި، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ. ޢިލްމާއި ހެޔޮވިސްނުމަކީ އިންސާނިއްޔަތަށް ހިޔާވަހިކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބެލެނިވެރިންނާއި މުދައްރިސުން ކިބައިން އެކަމަނާ އެދިވަޑައިގަތީ ދަރިވަރުން މުސްލިމު ދިވެއްސެއްގެ ގޮތުގައި ބިނާކުރެވޭކަން ކަށަވަރުކުރުމަށެވެ. އެގޮތުން ގޭތެރެއިންނާއި ވެށިން ފެންނަ ނަމޫނާތަކުން އެކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި އަހްމަދިއްޔާ ސްކޫލްގެ ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، އަޙްމަދިއްޔާއަކީ މާނަފުން ތާރީޚަކާއި ފަޚްރުވެރި ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް ކަމުގައެވެ.
ސްކޫލް އުފެދި، މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާޢަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޙްމަދިއްޔާއަކީ ދިވެހި ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެކަމަނާގެ ތަޢުލީމީ ހަޔާތްޕުޅުގައިވެސް އަޙްމަދިއްޔާގެ ޢިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ''ބްރިލިއަންސް ޓީޗަރ'' އަދި ''ބެސްޓް އޯވަރޯލް ޓީޗަރ'' އިނާމުތަކުގެ އިތުރުން ޘާނަވީ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައާއި، މުޅި ދުނިޔެއިން އެކިވަނަ ހޯދި ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ޙާސިލުކުރި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު އެކަމަނާ ވަނީ ސްކޫލްގެ ހަނދާނީ ގެލެރީ ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!