މީހުންގެ އިއްޒަތު ނަފްސަށް އަރައިގަނެ އަބުރު ނަގައިލަމުން މިއަދު ދަނީ ހުދޫދެއްނެތި ކަމަށާއި، މިކަން ނުހުއްޓުވިއްޖެނަމަ މުޖުތަމަޢު ހަލާކުވެދާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މެންދުރު ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން "ބޮޑުސައްލާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ލަތީފް ވިދާޅުވީ، މީޑިއާ ބިލުގައި (މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު) ހުރިކަންކަމަކީ ސަރުކާރާއި ނޫސްވެރިންނާއި ދެމެދު ހައްލެއް ބޭނުންވެފައިވާ ކަންކަމެއް ކަމަށް ނޫސްވެރިން ސިފަކުރާ ކަމަށާއި، ނޫސްވެރިންގެ މިނިވަންކަމާއި ދެލި ހުއްޓާލިކަމަށް ބުނެ އަޑު އުފުލަމުންދާ ކަމަށެވެ.
ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ގަލަމުގެ މިނިވަންކަން ނޫސްވެރިކަމުގެ މިނިވަންކަން ވެސް ލިބިދީފައިވާކަމަށާއި، ކޮންމެ ކަމެއްގައިވެސް ހުދޫދެއް އަދި މިންގަނޑެއް އޮންނާނެކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ހައްގުތައް ހުރީ ޤާނޫނުއަސާސީގައި އަތުރާލާފައި ކަމަށާއި، ޤާނޫނުއަސާސީ އަކީ ހާރެއްފަދައިން އެއްމާއްދާއާއި އަނެއް މާއްދާ ލާމެހިފައިވާ އެއްޗެއްކަމަށެވެ. އަދި ޤާނޫނުއަސާސީގެ މާއްދާތައް ހުރީ ހައްދުން ބޭރުވީމާ ލޮކެއްވެސް އެޅުވޭގޮތަށް ކަމަށާއި، އަދަބު ވެސް ލިބޭގޮތަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމަށް ގިނަބަޔަކު ބުނަމުންދާއިރު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޤާނޫނަކީ އަމިއްލަ ފަރާތަކުން ހުށަހެޅި ޤާނޫނެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އެކަމަށް ސަރުކާރުގެ ތާއީދު އޮތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އުޅޭ ކަމަށާއި، ސަރުކާރުގެ ބަހަކީ މި ޤާނޫނު ކޮމިޓީ މަރުހަލާގައި އިސްލާހްކުރަންޖެހޭ މާއްދާތަކެއްވާނަމަ އެންމެނަށް އެއްބަސްވެވޭ ގޮތަކަށް ހެދުން ކަމުގައި ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، މީހުންގެ އަބުރާއި، ޖިސްމަށާއި، އުޅުމަށާއި، މިހުރިހާއެއްޗެއްގެ ބޮޑުބައެއް ކުޅެދޭ އެއްޗަކީ މީޑިއާ ކަމަށެވެ. މީޑިއާގައި މުޖުތަމަޢުގައި ގަބޫލުކުރަން ބޭނުންނުވާ އެތައްކަމެއް ހިނގަމުންދާ ކަމަށާއި، ދިވެހި މުޖުތަމަޢަކީ އިސްލާމީ، އެކުވެރި، އެންމެން އެއްބައިވެގެން އުޅޭ މުޖުތަމަޢެއް ކަމަށާއި، އެކަކު އަނެއްކަކު ދަންނަ ކުޑަކުޑަ މުޖުތަމަޢެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މުޖުތަމަޢެއް ބައިބައިކޮށް ފަސާދަކޮށްލުމަކީ ނޫސްތަކަށް ކުރެވިދާނެކަމެއް ކަމަށާއި، އަދި މީހުންގެ އަބުރާއި އިއްޒަތާއި ނަފްސާއި ނަގާލުމަކީވެސް ކުރެވިދާނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން ކުރާ މީހުން މިއަދު އެއްވެސް ހައްދެއް ހުދޫދެއްނެތި ކަންތައް ކުރަމުންދާކަމަށާއި، މިކަންކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފިޔަވަޅުތަކެއް ނޭޅޭނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެ ކަމަށާއި، އިސްލާމްދީނުގައި ވެސް އަބުރަކީ ކަރާމަތްތެރި ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށް ލަތީފްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.
ލަތީފް މި މޭރުމުން ވާހަކަދެއްކެވިއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އާއި ގުޅިގެން ނޫސްވެރިން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލާމެދު މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި، ބްރޮޑްކާސްޓިން ކޮމިޝަނާއި، އެޗްއާރުސީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަނެއްގައި 151 ނޫސްވެރިއަކު ސޮއިކޮށް، އެ ޕެޓިޝަން 3 ސެޕްޓެމްބަރު 2025 ގައި ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ.
ނޫސްވެރިން ބުނަމުން ދަނީ މި ބިލަކީ ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ އެ ބިލެއްކަމަށެވެ. މިގޮތުން ބިލު ފަރުމާކޮށްފައިވަނީ ނޫސްރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށްކަމަށާއި، ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތްކަމަށް ނޫސްވެރިންގެ ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށްކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!