ސިނަމާލެ ބްރިޖް ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވަމުން ދިޔަ ޕިކަޕެއް މިއަދު ފުރޮޅާލައި، އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރު 12:40 ހާއިރު ހިނގި މި ހާދިސާގައި ޕިކަޕު ފުރޮޅާލާފައިވަނީ އެ އުޅަނދުގެ ފުރޮޅު ފަޅައިގެން ގޮސް ޑިވައިޑާގައި ޖެހުމުގެ ސަބަބުން ކަމަށެވެ.

Ad
rt

"އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ. އެކަމަކު ޕިކަޕަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ،"

ފުލުހުން ވިދާޅުވި އެވެ.

އެކްސިޑެންޓުގައި ޕިކަޕު ޖެހުނު ކާރަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ފަރާތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޕިކަޕު ދުއްވަމުން ގޮސްފައިވަނީ ސްޕީޑު ލިމިޓަށް ވުރެ މާ ބާރު ސްޕީޑެއްގައި ކަމަށާއި، އެކަމުގެ ސަބަބުން އެ އުޅަނދު ދުއްވި ފަރާތާ މެދު ވަނީ ޤާނޫނީ ފިޔަވަޅު އަޅާފައި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، އުޅަނދުފަހަރު ދުއްވުމުގައި ސަމާލުވުމަށް ފުލުހުން އަބަދުވެސް އާންމުންނަށް އިލްތިމާސްކުރެއެވެ.