އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަރސިޓީއަށް ދޭންޖެހޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފެޑެރަލް ރިސާރޗް ގްރާންޓްތައް ހިފެހެއްޓުމަށް ޓްރަމްޕްގެ އިދާރާއިން ކުރި މަސައްކަތަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް، އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރު އެލިސަން ބަރޯސް، ބުދަ ދުވަހު ނިންމަވައިފިއެވެ.
މި ނިންމުމަކީ ފެޑެރަލް ސަރުކާރާއި ހާވާޑާ ދެމެދު ހިނގަމުންދިޔަ ދިގު ހަނގުރާމައެއްގައި ޔުނިވަރސިޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފަރާތުން އައްޔަންކޮށްފައިވާ އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު އެލިސަން ބަރޯސް، 84 ސަފުހާގެ ނިންމުމެއްގައި ވިދާޅުވެފައިވަނީ، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޔަހޫދީންނާ ދެކޮޅަށް ކުރެވޭ ކަންކަމާ މެދު "މާ ރަނގަޅަށް ކަންކަން ކުރެވިދާނެ (އަދި ކުރަންޖެހޭނެ)" ކަމަށެވެ. ނަމަވެސް، ރިސާރޗް ގްރާންޓްތައް ހުއްޓުވުމާއި، މިކަންކަމާ ދެމެދު މާބޮޑު ގުޅުމެއް ނެތް ކަމަށް ފަނޑިޔާރު ބަރޯސް ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު ބަރޯސްގެ ނިންމުމުގައި ވަނީ، ޓްރަމްޕްގެ އިދާރާއިން ޔަހޫދީންނާ ދެކޮޅަށް ކުރެވޭ ކަންކަން ބޭނުންކޮށްފައިވަނީ، އެމެރިކާގެ އެންމެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކަށް އަމާޒުކޮށްގެން ވަކި ފިކުރަކަށް ބުރަވެ ކުރެވޭ ހަމަލާއެއް ފޮރުވުމަށް ކަމަށް ބެލެވެން އުނދަގޫ ކަމެއް ކަމެވެ.
ފަނޑިޔާރު ނިންމެވި ގޮތުގައި ޓްރަމްޕްގެ އިދާރާއިން ކުރި މަސައްކަތްތަކަކީ، އެމެރިކާގެ ގާނޫނު އަސާސީގެ ފުރަތަމަ އިސްލާހާއި، އެޑްމިނިސްޓްރޭޓިވް ޕްރޮސީޑިއަރ އެކްޓާއި، މަދަނީ ހައްގުތަކުގެ ގާނޫނުގެ ޓައިޓަލް 6 އާ ޚިލާފު ކަންކަމެވެ. ޓައިޓަލް 6 އަކީ ނަސްލާއި ގައުމީ ނިސްބަތުގެ މައްޗަށް ބިނާކޮށް ތަފާތުކުރުން މަނާކުރާ ފެޑެރަލް ގާނޫނެކެވެ. އަދި މިގާނޫނަކީ، ކޮލެޖްތައް ތަހުގީގުކުރުމަށް ޓްރަމްޕްގެ އިދާރާއިން ބޭނުންކޮށްފައިވާ ގާނޫނެކެވެ.
ހާވަޑްގެ ރައީސް އެލަން ގާބަރ ކުރިން ވިދާޅުވެފައިވަނީ، ފެޑެރަލް ގްރާންޓްތައް އަނބުރާ ދިނުމަށް ކުރެވުނު ޑިމާންޑްތަކަކީ އެކަށީގެންނުވާ ކަންކަމަށް ވާތީ، އަދި އެއީ ޔުނިވަރސިޓީގެ "ވަޒީފާ ދޭ ފަރާތްތަކާއި ކިޔަވައިދޭ ކަންކަން ކޮންޓްރޯލްކުރުމަށް" ކުރެވޭ މަސައްކަތަކަށް ވާތީ، ޔުނިވަރސިޓީން ދައުވާކުރަން ނިންމީ ކަމަށެވެ. ފަނޑިޔާރު ބަރޯސް އޭނާގެ ނިންމުމުގައި މިކަމަށް އެއްބަސްވެވަޑައިގެންފައިވެއެވެ.
ޓްރަމްޕްގެ އިދާރާއިން ޔުނިވަރސިޓީއާ ދެކޮޅަށް މަސައްކަތް ފެށީ އޭޕްރީލް މަހުގައެވެ. އެއީ ހާވަޑުން ވަނީ އެޑްމިޝަންއާއި އަދަބު ދިނުމުގެ ސިޔާސަތުތައް ބަދަލުކުރުމަށް ވައިޓް ހައުސްއިން ކުރި ޑިމާންޑްތަކާ އެއްގޮތަށް އަމަލުކުރަން އިންކާރުކޮށްފައެވެ. އެ ސިޔާސަތުތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަ ކަންކަން ކަމަށް ބުނެއެވެ. ވައިޓް ހައުސްއިން މިކަމަށް ޖަވާބުދާރީވީ، ހާވަޑަށް ދޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފެޑެރަލް ގްރާންޓްތައް ހިފެހެއްޓުމުންނެވެ.
މީގެ ފަހުން ޓްރަމްޕްގެ އިދާރާއިން ވަނީ ޔުނިވަރސިޓީއާއެކު ކުރެވިފައިވާ ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުގެ ގްރާންޓްތަކާއި ކޮންޓްރެކްޓްތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ޔަހޫދީ ދަރިވަރުންނާމެދު އަމަލުކުރެވޭ ގޮތް ޓައިޓަލް 6 އާ ޚިލާފުވާ ކަމަށް ބުނެ ކުރެވުނު މަސައްކަތެކެވެ. މިކަމުގައި މިދިޔަ އަހަރު ގައުމުގެ އެކި ކެމްޕަސްތަކުގައި އިސްރާއީލް-ހަމާސް ހަނގުރާމައާ ގުޅިގެން ހިނގި މުޒާހަރާތަކުގެ ތެރޭގައި ހިނގި ކަންކަން ހިމެނެއެވެ.
މޭ މަހުގެ ކުރީކޮޅު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހާވަޑްގެ ޓެކްސް މައާފުކުރެވިފައިވާ ސްޓޭޓަސް ބާތިލުކުރުމުގެ ރޭވުމެއް ޢިއުލާންކުރަށްވާފައެވެ. އަދި މޭ މަހުގެ ފަހުން، ޔުނިވަރސިޓީގެ 3 ބިލިއަން ޑޮލަރުގެ ގްރާންޓްތައް ޓްރޭޑް ސްކޫލްތަކަށް ބަދަލުކުރުމުގެ ވާހަކަ ވެސް އޭނާ ދެއްކެވިއެވެ. ޖޫން މަހުގައި، އިދާރާއިން މަސައްކަތްކުރީ ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން އެންރޯލްކުރުމުގެ ގާބިލިއްޔަތު ހަނިކުރުމަށެވެ. މި މައްސަލަ އަދިވެސް ފެޑެރަލް ކޯޓުގައި ޗެލެންޖްކުރެވެމުންދެއެވެ.
ހާވަޑްގެ ރައީސް ގާބަރ ބުދަ ދުވަހުގެ ފަހުން ނެރުއްވި ބަޔާނެއްގައި، ޔުނިވަރސިޓީ އަދިވެސް ފުރިހަމައަށް ސަލާމަތްވެފައި ނުވާކަން ފާހަގަކުރައްވާފައެވެ.
"މިއަދުގެ ނިންމުމުގައި ކަށަވަރުކޮށްދީފައިވާ މުހިންމު އުސޫލުތައް އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުމެން ދެމިތިބޭނީ މި ނިންމުމުގެ ނަތީޖާތައް ވަޒަންކުރުމުގައާއި، ގާނޫނީ ގޮތުން އިތުރަށް ކުރިއަށްދާ ކަންކަން ބެލުމުގައާއި، އަޅުގަނޑުމެންގެ މިޝަން ފުރިހަމަކުރުމަށް މަސައްކަތްކުރާއިރު ބަދަލުވަމުންދާ މާހައުލާމެދު ސަމާލުވުމުގައެވެ،" ކެމްޕަސްގެ ދަރިވަރުންނަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވިއެވެ.
މި ނިންމުމާ ގުޅިގެން ވައިޓް ހައުސްގެ ސްޕޯކްސްޕާސަން ލިޒް ހަސްޓަން ވިދާޅުވެފައިވަނީ، ޓްރަމްޕްގެ އިދާރާއިން "މި ނުބައި ނިންމުމާ ދެކޮޅަށް ވަގުތުން އިސްތިއުނާފުކުރާނެ" ކަމަށާއި، "ހާވަޑް ޖަވާބުދާރީކުރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އަޅުގަނޑުމެން އެންމެ ފަހުން ކާމިޔާބުވާނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، "އޮބާމާގެ ފަރާތުން އައްޔަންކުރެވުނު މި އެކްޓިވިސްޓް ފަނޑިޔާރު އަބަދުވެސް ނިންމާނީ ހަގީގަތްތަކާ ނުބަލައި ހާވަޑްގެ ފަރާތަށް ކަން އެއްވެސް ހަ ހަމަހެޔޮ ވިސްނުމެއް ހުރި މީހަކަށް ސާފުވާނެއެވެ." އަދި ހާވަޑް ޔުނިވަރސިޓީން އެމީހުންގެ ދަރިވަރުން ފުރައްސާރައިން ރައްކާތެރިކުރުމަށް ފެއިލްވެފައިވާކަމަށާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ލިބުމުގެ ގާނޫނީ ހައްގެއް ހާވަޑަށް ނެތް ކަމަށް ވެސް ހަސްޓަން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!