ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އެ ރަށު ބަނދަރުގައި ތަރައްގީކުރަން ނިންމާފައިވާ ރަސްމީ ފާލަމާއި މޮނިއުމަންޓްގެ ޑިޒައިން އާންމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
''ތިލަދުން'' އަށް މައުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ ކައުންސިލްގެ ވައުދުގެ ތެރޭގައި ހިމެނޭ އެ ރަށުގެ ރަސްމީ ފާލަން ފަރުމާކޮށްފައި އެވަނީ އޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމަނައިގެން ކަމަށެވެ.
ސޮބާހް ވިދާޅުވީ އެތަނަކީ ފާލަމެއްގެ އިތުރުން ރަށުގެ މޮނިއުމެންޓަށް ވެސް ފުދޭގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށާއި އެތަނުގައި ލައުންޖާއި ކެފޭ ވެސް ހިމެނޭ ކަމަށެވެ.
އިހުގެ މަސްދޯންޏެއް ސިފައަށް ފަރުމާކޮށްފައިވާ އެތަނުގައި މަތީ ޑެގެއް ވެސް ހިމެނެއެވެ. އެ ޑެގު ވެސް ފަރުމާކޮށްފައި ވަނީ ކެފޭގެ ހިދުމަތް ފޯރުކޮށްދެވޭ ގޮތަށެވެ.
އިހަވަންދޫ ކައުންސިލުން އެތަނުގެ ފަރުމާގެ ވީޑިއޯއެއް މިއަދު އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ވަނީ އާންމުކޮށްފައެވެ. އަދި އެ ފަރުމާއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 7 ވަނަ ދުވަހުގެ 14:00 ނިޔަލަށް ހުޅުވާލާފައެވެ.
ސޮބާހް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ފަރުމާއަށް އާންމުންގެ ފަރާތުން ލިބޭ ބިނާކުރުވަނިވި ހިޔާލުތައް ބަލައިގަނެ ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި އެއަށްފަހު އެ މަސައްކަތް މި އަހަރުތެރޭ ހަވާލުކޮށް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އިހަވަންދޫއަކީ ރާއްޖޭގެ އުތުރުގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށެވެ. ދޯނި ބަނުމަކީ އެ ރަށުގައި ދިގު ތާރީހެއް އޮތް މަސައްކަތެކެވެ. މިހާރުވެސް ފައިބަރު މަސްދޯނި ބަނުމުގެ މަސައްކަތް އެ ރަށުގައި ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!