ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ހދ. ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފިއެވެ.
އެގޮތުން ކުމުންދޫ އުސްކުންނައަކީ އުސްވެލިގަނޑެއްގެ ގޮތުގައި ފެންނަން ހުރި ސައިންޓިފިކް ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި މީހުން އަޅުކަން ކުރަން ގެންގުޅު ތަކެތި ފޮރުވާފައި ހުރި ތަނެއް ކަމަށްވުން ބެލެވެއެވެ.
2004 ވަނަ އަހަރު އެކުލަވާލި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ކުމުންދޫގެ އާސާރީ ތަންތަނުގެ ގޮތުގައި ގެނެވިފައި މި އުސްކުންނަ މިހާރު ވަނީ ހިމާޔާތްކޮށް، އާންމުންނަށް ޒިޔާރާތްކުރެވޭނެހެން ސާފުކޮށްފައެވެ.
''ކުމުންދޫ އުސްކުންނައޭ ކިޔުނު އާސާރީ ތަން، މިތަން ހިމާޔަތްކޮށް މި ސަރަހައްދަށް އާންމުކޮށް މީހުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް މިހާރު ވާނީ ސާފުކުރެވިފައި'' އެކަން ހާމަކުރަމުން ކުމުންދޫ ކައުންސިލުން ބުނެފަވެއެވެ.
ތާރީހީ ފަށްފުށްތަކުން އެގޭ ގޮތުގައި ކުމުންދޫ އުސްކުންނަގެ ވަށަމިނުގައި 156 ފޫޓު އަދި އުސްމިނުގައި 10 ފޫޓު ހުރެއެވެ. އަދި ގާތްގަނޑަކަށް މީގެ 70 އަހަރު ކުރިން އުސްކުންނަ ކޮނެގެން ބެލިއިރު ހަމަބިމާ ހަމައިގައި ހުންނާނީ ފަތޮޅު ކަނޑާފައިހުންނަ ހިރިގާކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން މައުލޫމާތު ލިބުނުގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރިން، ހަދާފައިވާ މި އުސްކުންނައަށް މިހާރު 870 އަށްވުރެއް ގިނަ އަހަރުވެފައިވާއިރު، މިހާރު މި އާސާރީ އުސްކުންނު ތިރިވެފައިވީނަމަވެސް އޭރު އުސްކުންނައިގެ އުސްމިނުުގައި ގާތްގަނޑަކަށް 15 ފޫޓު ހުރިކަމަށްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!