ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދުމުގައި ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ދައުލަތުން އަރުވާފައިވާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީކަން ފާހަގަކުރަށްވައި، އެމަނިކުފާނު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމްޔޫ މަނިކު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެކެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު ކަމަށް ވެސް ރައީސް ވިދާޅުވެފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއެކުގައި. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި… pic.twitter.com/rL4qn3S20V
— Dr Mohamed Muizzu (@MMuizzu) August 30, 2025
މުޙައްމަދު ޢުމަރު މަނިކު އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި މިއަދު ހެނދުނު ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލްގައެވެ.
އަލްމަރްޙޫމް މުޙައްމަދު ޢުމަރު މަނިކަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވި އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، އަދި މި ދާއިރާ ތަރައްޤީ ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ޗެއަރމަންގެ މަގާމުގައި ހުންނަވައިގެން، ޖަރުމަނުވިލާތުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި މުހިންމު ދައުރެއް އަދާކުރައްވައި، ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްސަ، ފެންވަރު ރަނގަޅު ރިޒޯޓުތަކެއް ހުންނަ ގައުމެއްގެ ގޮތުގައި ތަރައްޤީ ކުރެއްވިއެވެ.
އަލްމަރްޙޫމް މުޙައްމަދު ޢުމަރު މަނިކު 1971 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވެއެވެ. އެގްރިކަލްޗަރގެ ދާއިރާގައި މަސައްކަތް ކުރައްވައި، މިނިސްޓަރ އޮފް އެގްރިކަލްޗަރުގެ ނައިބުކަންވެސް ކުރެއްވިއެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑާއި، އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރމަންކަންވެސް ކުރައްވާފައިވެއެވެ.
މުޙައްމަދު ޢުމަރު މަނިކަށް ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. 2011 ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ހަފްލާގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރުމުގައި އަދާކުރެއްވި ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ވެސް ލިބިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!