ށ. އަތޮޅުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކޮށްގެން، އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ "މާރެސް އެވޯޑު" އެ އަތޮޅު ފުނަދޫ، ބިލެތްފަހި އަދި ގޮއިދޫ އިން ހާސިލްކޮށްފިއެވެ.

މި އެވޯޑު ހަވާލުކޮށްފައިވަނީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ށ. ބިލެތްފަހީގައި ބޭއްވި ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

Ad
mooomoo 1

މާރެސް އެވޯޑަށް ށ. އަތޮޅުގެ ޑަބްލިއުޑީސީތަކުން ކުރިމަތިލައި، އެ ކޮމިޓީ އަކީ ހިންގުމުގެ ދާއިރާއިން އެންމެ ރަނގަޅު ކޮމިޓީތޯ އެކަމުގެ ކިތާބީ ހެއްކާއި އެކު ށ. އަތޮޅު ކައުންސިލަށް ހުށަހެޅި ހުށަހެޅުމުން މިއަހަރު އެންމެ މަތިން ޕޮއިންޓް ހާޞިލްކޮށް އެއްވަނަ ހޯދާފައިވަނީ ށ. ފުނަދޫ ޑަބްލިއުޑީސީ އިންނެވެ. އަދި ދެވަނަ ބިލެތްފަހިން ހޯދާފައިވާއިރު، ތިން ވަނަ ހޯދާފައިވަނީ ގޮއިދޫ ޑަބްލިއުޑީސީންނެވެ.

މި ޖަލްސާގައި މާރެސް އެވޯޑު ފުނަދޫ، ބިލެތްފަހި އަދި ގޮއިދޫ ޑަބްލިއުޑީސީއަށް ހަވާލުކޮށްދެއްވާފައިވަނީ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ޖަލްސާގައި ޝަރަފްވެރި މެހެމާން، ވަޒީރު އާދަމް ޝަރީފް އާއި ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމްގެ އިތުރުން ށ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ށ. އަތޮޅު ކައުންސިލުގެ މާރެސް އެވޯޑަކީ އެ އަތޮޅުގެ ރަށްރަށުގައި ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމެޓީތަކުގެ މަސައްކަތަށް ހިތްވަރުދީ އަގުވަޒަންކުރުމުގެ ގޮތުން ކޮމިޓީތަކުގެ މަސައްކަތްތައް މިންކުރުމާއި މަސައްކަތްތައް ދަރަޖަކޮށް އެފަރާތްތަކަށް ޝަރަފު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މިގޮތުން މާރެސް އެވޯޑް ތައާރަފު ކުރުމުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި ކޮމިޓީތަކުގެ ގާނޫނީ ޒިންމާއާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިތްވަރު ދިނުމާއި ބަދަހި އިޖުތިމާއީ ގުޅުމެއް ޤާއިމު ކުރުމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި ހިންގުމުގެ ދާއިރާއިން ކޮމެޓީތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމާއި ބެލުންތެރި މުޖުތަމައަކަށް އަންހެނުންގެ ދައުރު އިތުރުކުރުން ވެސް މި އެވޯޑުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Ad
df

މިދިޔަ އަހަރު އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ށ. މާއުނގޫދޫގައި ފާހަގަކޮށްފައިވާއިރު، މި އެވޯޑު ހާސިލްކޮށްފައިވަނީ ށ. ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ އިންނެވެ. މި އަހަރަކީ މި އެވޯޑު ށ. އަތޮޅު ޑަބްލިއުޑީސީތަކަށް ދޭން ފެށިތާ ދެވަނަ އަހަރެވެ.