ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިއަދު މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
mooomoo 1

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށާއި، ރަށުގެ ތަރައްޤީ އެތައް ގުނައަކަށް ކުރިއަށްދާނެކަމަށެވެ.

މި ޖަލްސާގައި ވަނީ ރަށުގެ މުހިންމު މަޝްރޫޢުތަކެއްގައި ސޮއިކޮށްފައެވެ. މިގޮތުން ސޮއިކުރެވުނު މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހެލްތު ސެންޓަރ އެކްސްޓެންޝަން މަޝްރޫޢުގެ އެއްބަސްވުމާއި، ނޮޅިވަރަންފަރު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ނޮޅިވަރަންފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި އަދި ފުޓުބޯޅަ ދަނޑު ފީފާ ފެންވަރަށް ތަރައްޤީކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން، ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ދަފުތަރުން އުނިކުރައްވައި، ރަށު ކައުންސިލާ ޙަވާލުކުރެއްވީވެސް ރޭގެ ޖަލްސާގައެވެ. އަދި އެ ރަށުގައި އިމާރާތްކުރި 100 ހައުސިންގް ޔުނިޓް ރަށު ކައުންސިލާ ރަސްމީކޮށް ވަނީ ރޭ ހަވާލުކޮށްފައެެވެ.

މިކަންކަމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ޖުމުލަ ގޮތެއްގައި، މި ހުރިހާ ކަންކަމަކީވެސް ރަށުގެ ރައްޔިތުންގެ ތަރައްޤީގެ ފެންވަރު، އެތައްތަނަކުން މަތިވެގެންދާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، މިއިން ކޮންމެ މަޝްރޫޢަކީވެސް ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ މަޝްރޫޢެއް ކަމަށެވެ. އަދި މިހާރުން މިހާރަށް ކޮށްދެއްވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

Ad
df

މީގެ އިތުރުން އެންމެ ލަސްވެގެންވެސް ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި، ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ވެމްކޯއިން ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.