ހދ. ހަނިމާދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ.

ހަނިމާދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

މި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްގެންނެވެ.

ހަނިމާދޫގައި މިހާރު ފުލުހުންގެ ޚިދުމަތް ދެމުން އަންނަނީ ކައުންސިލްގެ އިމާރާތެއް ކުއްޔަށް ނަގައިގެންނެވެ. އެރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެއެވެ.