ނަތީޖާ ނެރެން ރާއްޖޭގެ ވެރިއަކަށް ލިބޭ މުއްދަތު މާކުރު ކަމަށާއި، އެކަން ނުކުރެވި ޑޮލަރުގެ އަގުވެސް އަގުދަށަކަށް ނުދާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

އުއްޗު މިފަދައިން ވިދާޅުވީ ޔޫޓިއުބް ޗެނަލް "ދެނޯ"ގެ އެޕިސޯޑެއްގައި ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

އުއްޗުގެ ޖަވާބުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖެއަކީ އާބާދީ ކުޑަ ނަމަވެސް، ޖިއޮގްރަފީގެ ގޮތުން ވަރަށް ބޮޑު ސަރަހައްދެއްގައި ފެތުރިފައިވާ ގައުމެއްކަމުން، އެކި ރަށްތައް ހުންނަނީ އެކި ދުރުމިނުގައެވެ. މިފަދަ ގައުމެއްގައި އަވަހަށް ކަންކަން ކޮށްދިނުމަކީ ދަތިކަމެއް ކަމަށް އުއްޗު ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލަ ހައްލުވާނެ ގިނަ ސަބަބުތައް ހުރި ކަމަށާއި، ދިވެހިރާއްޖެއަކީ ޑޮލަރު "ވާރެ ވެހޭހެން ވެހޭ" ތަނެއް ނަމަވެސް، 186 އަށް ވުރެ ގިނަ ރަށުގައި ރައްޔިތުން ދިރިއުޅޭއިރު، ކޮންމެ ރަށަކަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދޭން ޖެހޭތީ ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ޚަރަދުތައް ކުރެވެނީ ވެރިއެއްގެ އަމިއްލަ ޖީބުން ނޫން ކަމަށާއި، ރައްޔިތުން ދައްކާ ފައިސާ ނުވަތަ ނަގާ ލޯނުތަކުން ކަމަށް ވެސް އުއްޗު ވިދާޅުވިއެވެ.

''އަސްލަށް މި ޑޮލަރުގެ ކަންތައް ހައްލަކަށް އަންނާނެ ވަރަށްގިނަ ސަބަބުއެބަހުރި، އެންމެ ބޮޑު ސަބަބަކަށް، ކަމަކަށް އަޅުގަނޑަށް ވިސްނޭ ކަމަކީ، ދިވެހިރާއްޖެ އަކީ ހަމަޑޮލަރު ވާރެ ވެހޭހެން ވެހޭތަނެއް، ދުނިޔޭގެ ނިސްބަތުން، އެކަމަކު، ދުއިސައްތަ އެތައް ރަށެއްގައި ރައްޔިތުން އެބައުޅުއްވާ، ކޮންމެ ރަށަކަށް ކޮށްދޭންޖެހޭ އެބަ ހުރިހާ ކަންތައްތަކެއް، އެހެންވީމަ ޚަރަދުތަކެއް ވެސް ހިނގާނެ، އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުންނޫން ޚަރަދު ކުރަނީއަކީ، ރައްޔިތުންދޭ ލާރިކޮޅަކުން ކުރެވެނީ، އެއިން ނުވިއްޔާ އަނެއްކާ، ލޯނުތައް ނަގަންފެށީމަ އެ ހުންނަ ވެރިއަކާއި ދިމާއަށް އެއްޗެހި ގޮވަން ފަށާނެ، އެއީކީވެސް ރައްޔިތުންނަކަށް ކުރެވޭނެކަމެއްނޫން، އެހެންވީމަ ރައްޔިތުން ވިދާޅުވީމަ، ލޯނު އެ ނަގަނީ ރައްޔިތުން އެދުނީމަ، އެއްކަލަ ކަންތައްތައް ކޮށްދޭންޖެހޭތީ، ދެން މިހުރިހާ ކަމެއް ކުރަން ވެސް ވީ ޑޮލަރު ހޯދަން، އަޅުގަނޑުމެން ޖެހެނީ ލޯނު ނަގަން، ނޫނީ ލޯނު ދޭތާކުން ނަގަން'' އުއްޗު ވިދާޅުވިއެވެ.

އުއްޗު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިއަކަށް ވެރިކަން ކުރަން ލިބޭ 5 އަހަރުގެ މުއްދަތަކީ ތަރައްގީ ހާސިލްކޮށް ނަތީޖާ ނެރެން ކުޑަ މުއްދަތެއް ކަމަށެވެ. އެހެން ގައުމުތަކުގައި އެއްގަމު މަގުން ގޮސް ހުރިހާ ކަމެއް ނިއްމާލެވޭ ފަދައިން، ރާއްޖޭގައި އެއްތަނަކުން ބޭނުންވާ ތަކެތި ނުލިބޭ ކަމަށާއި، އެހެންކަމުން ކަމެއް ކޮށްދެވޭނީ ވެސް ބޮޑު މަސައްކަތަކުން ކަމަށް އޭނާ ހާމަކުރެއްވިއެވެ.

''މީގެ އެއްމެ ބޮޑު އެއް ސަބަބަކީ ކޮންމެ ވެރިއަކަށް ނަމަވެސް މިފަދަ ބޮޑު ރާއްޖެއަކަށް، ކުޑަކުޑަ ދިވެހިރާއްޖެއެއްނޫނޭ މިއީ، އެ ރަށްތައް ހުރިގޮތުން، މިފަދަ ކަންތައްތަކެއް ހުރި ރާއްޖެއަކަށް، ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން، އިނގޭތޯ، ކުޑަވީ އެހެން ތަންތަންހެން އެއްގަމު މަގުން ދުއްވާފަގޮސް ހުރިހާ ކަމެއް ނިއްމާލެވޭ ގޮތަކަށްނޫން، އެމީހުން ލަުޑިއާ ހިލަޔާއި ހިލަވެއްޔާ ހުރިހާ އެއްޗެއް އެބަހުރި، މިތާ އެ ހުރިހާ އެއްޗެއް އެއްތާކުން ނެތް ލިބޭކަށް، އެހެންވީމަ ވަރަށް މަސައްކަތުން ކަމެއް ކޮށްދެވެނީ ވެސް، އެހެންވީމަ މުއްދަތް މާ ކުޑައީ ވެރިންނަށް، ކޮންމެ ވެރިއަކު ހުއްޓަސް، އެހެންވީމަ އެންމެ މަދުވެގެން 10 ވަރަކަށް 15 ވަރަކަށް އަހަރު ވެރިއަކަށް ލިބިގެންނޫނީ ނުކުރެވޭނެކަމެއް، ފުރަތަމަ އެކަން ނުކުރެވި ޑޮލަރުވެސް އަގުދަށަކަށް ނުދާނެ، ރައްޔިތުންގެ މި ޑިމާންޑް އޮންނަވަރާއި ބަލާފައެއް، ސަބަބަކީ އެމީހުން ބޭނުންވާ ކޮންމެ ކަމަކަށް ހަމަ ޑޮލަރުގެ ހޭދަކުރަން އެބަޖެހޭ، ހުރިހާ ކަންތަކެއްވެސް ކޮށްދެއްވަން ޖެހޭ އެބަ، ކޮންމެ ރަށެއްގައި އެއާޕޯޓެއް ވެސް ހަދަންޖެހޭ އެބަ، ކޮންމެ ރަށަކަށް އެރަކަށް ބޭނުންވާ ކޮންމެ ކަމެއްވެސް ކޮށްދޭން ޖެހޭއެބަ، އެހެންވީމަ ވެރިއަކަށް ހުންނަ ބޭފުޅަކަށް މުއްދަތް މާކުރީ، އަޅުގަނޑަށް ފެންނަ ގޮތްމީ، ޑޮލަރު ލިބުނުގޮތަކަށް ހޯދަންޖެހޭ އެބަ، އެއްކަހަލަ ނަގާފައި ހުންނަ ލޯނުތަކާއެއްޗެހި ދައްކަނީ ކިހިނެތްތޯ؟'' އުއްޗު ވިދާޅުވެފަވެއެވެ.

ރާއްޖެއަށް ލިބޭ ބޭރުގެ ލޯނުތަކާއި ކްރެޑިޓް ލައިންތަކުގެ ތެދު ހަގީގަތް ވެސް އޭނާ ހާމަކުރެއްވިއެވެ. އެ ފައިސާ ދިވެހިރާއްޖެއަށް ޑޮލަރުގެ ގޮތުގައި ސީދާ ނުލިބޭ ކަމަށާއި، އެ ލޯނު ދޭ ގައުމުތަކުގެ ބެންކުތަކުން އެ ގައުމުތަކުގެ ކުންފުނިތަކަށް އިންޓަރެސްޓާއެކު ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް އެ ފައިސާ ދެނީ އެ ކުންފުނިތަކަށްކަން އުއްޗު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ކުންފުނިތަކުން އެމީހުންގެ އަމިއްލަ ފައިސާއިން ބޭނުންވާ މުދަލާއި ސާމާނު ގަނެގެން ރާއްޖެ އައިސް މަސައްކަތް ކުރާ ކަމަށާއި، މަސައްކަތް ނިމެން ފެށުމުން ބިލް ހުށަހެޅުމުން އެ ބިލްތަކަށްވާ ފައިސާ ސަރުކާރުން އެ ކުންފުނިތަކަށް ދައްކަން ޖެހޭ ކަމަށް ވެސް އުއްޗު ވިދާޅުވިއެވެ.

''އަޅުގަނޑުމާ ހިތްހަމަޖެހޭ އަޅުގަނޑުމެން ރައްޓެހި ޤައުމުތަކުން ދެއްވާ ލޯނު، އެކަމަކު ލޯނު ދެއްވަނީ ކްރެޑިޓް ލައިންގެ ނަމުގައި، ޑޮލަރު ކްރެޑިޓް ލައިން، 1.5 ބިލިއަން، އެކަމަކު ޑޮލަރު އަހަރެމެން އަތަށް ލިބެނީކީނޫން، ރައްޔިތުން އެއްގޮތަކަށް ވެސް ހީނުކުރޭ، އަޅުގަނޑުމެންނަށް ޑޮލަރު ނުލިބެނީކީ ނޫން، އެ ބޭފުޅުންނަށް އެނގޭ މިވާ ގޮތްވެސް، ގޮތެއް ނެތީމަ ނަގަންޖެހޭ ކަންވެސް، އެ ޑޮލަރު، އެ ކްރެޑިޓް ލައިން އޮންނަނީ، އެ އަޑު ބާރަށް އާދޭ، އަސްލުވާ ގޮތަކީ އެކޮޅުން ދެއްވާ ބެންކަކުން އެ އޮންނަ އިންޓަރެސްޓެއްގައި އެތާގެ ކުންފުނިތަކަށް މި ދެނީ މަސައްކަތް، ދިވެހިރާއްޖޭގައި އެކަން ކުރަނީ، ދިނީމަ ހިލައާއި ހިލަވެލި ހިފައިގެން އެމީހުންގެ ލާރިން އެތަނުން ގަނެގެން އައިސް މިތާގައި މަސައްކަތް ކުރަނީ، އަނެއްކަ އަހަރެމެންގެ އަގުހެޔޮ ހަނޑުލާއި ހަކުރާ ހަނޑުލާ ކާނީ، ހެވޭ 30 ހާސް 50 ހާސް މީހުން ގެނަޔަސް، މިކަމުގައި ވެސް އެހާ ހެޔޮފުޅު، އަހަރެމެން ރައްޔިތުންނަށް ދޭ އަގު އެމީހުންނަށް ވެސް އެ ދެނީ ބޮޑެއް ނުކުރަށްވާ، ޕްރޮޖެކްޓް ނުނިމެނީސް ޕްރޮޖެކްޓް ދާވަރަކުން ދުއިސައްތަ މިލިއަން، ސަތޭކަ މިލިއަންގެ ބިލް ހެދީމަ ސަރުކާރަށް ދައްކަންޖެހޭ އެބަ، ދައްކަން ޖެހޭނެތާ! އެހެންވީމަ އެ ބޭފުޅުން ޑޮލަރުވެސް ބޭނުންވާނެންނު!'' އުއްޗު ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ، ރައްޔިތުންގެ ބޭނުމާއި މިންވަރަށް ވެރިން މަސައްކަތް ކޮށްދެއްވަންޖެހޭއިރު، ރައްޔިތުންނަށް ބޭނުންވާ ޑޮލަރުގެ އަގު ވެސް މައްޗަށް ދާނެ ކަމަށެވެ. މީގެ ހައްލަކީ ދިގު މުއްދަތެއް ވެރިންނަށް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

''ރައްޔިތުންގެ ބޭނުމާ މިންވަރަށް އެބޭފުޅުން (ވެރިން) މަސައްކަތް ކޮށްދެއްވަންޏާ ރައްޔިތުންނަށް ބޭނުންވާ ޑޮލަރުގެ އަގުވެސް މައްޗަށް ދާނެ، އެއީ އެ ބޭފުޅުން ކުރަނީކީނޫން، އެއްގޮތަކަށް ވެސް އެހެންހީނުކުރޭ، އެކަން އެހެންވާނެ، އެހެންނެއްނޫން އެކަމަށް ހައްލެއް އަންނާނެ އެންމެގޮތަކީ ދިގު މުއްދަތެއް ދިނީމަ އެ ބޭފުޅުންނަށް އެ ގެޕްގެ ތެރެއިން ކުރެވޭނެ، ވިހި ފަންސަވީސް ޕަސެންޓް ބަހައްޓައިގެން ވެސް ކުރެވޭނެ، އެހެންނޫނީ ތެޅި ފޮޅިގެން ހާސްކަންމަތީ އެބޭފުޅުން ވެސް ކުރަނީ، އެކަން އެވަނީ ކީއްވެ، އަހަރެމެން ރައްޔިތުން އެބޭފުޅުންނަށް އެ ޕްރެސަރ ކުރާތީ، އެހެންވީމަ އަޅުގަނޑުމެން ހުންނަ ވެރިއަކަށް ދޭންޖެހޭނެ ސެލިއުޓް އެ ކޮށްދެއްވާ މަސައްކަތަށް، އެހެންވީމަ މުއްދަތު އިތުރުކުރަންވީ،'' އުއްޗު ވިދާޅުވެފަވެއެވެ.