ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހި، މަސައްކަތް ދާދިއަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މާޅޮހު ބަނދަރުގެ މައްސަލަ ހައްލުކުރެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށާއި، ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށްވުރެ އަވަސްކުރައްވާނެ ކަމަށެވެ.
ބޮޑުހިލަ ހޯދުމުގެ މަރުހަލާގައި ވަރަށް ގިނަ މަޝްރޫޢުތައް، އެކި ރަށްރަށުގައި ފެށުމުގެ މަރުހަލާގައި ހުރިކަން ފާހަގަކުރައްވައި، އެކަމަކީ ފައިސާއާ ގުޅިފައިވާ ކަމަކަށްވާތީ އެކަމަށް ވަގުތު ނެގިނަމަވެސް މިހާރު އެމަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ފަހިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މާޅޮހު ބަނދަރުގެ މަސައްކަތާއެކު އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެކަން ހާމަކުރަށްވައި، ބަނދަރު ނިމިގެންދާއިރު، އިތުރުކުރެވޭ ބިމުގެ ޖާގައަށް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، މިހާރު ސޮއިކުރެވިފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު ނިމިގެންދާއިރު އިތުރު ވަސީލަތްތައް ފުރިހަމަވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ އަދި އައުޓްޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މާޅޮހު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ސްކޫލުން ނުވަތަ ރައްޔިތުން އެދޭގޮތެއްގެ މަތިން ސްކޫލް ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި މިއަދު ވަނީ މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި މާޅޮހުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!