ބ. ތުޅާދޫގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ތުޅާދޫ އެއާޕޯޓްގެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށް މިއަދު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި މަޝްރޫޢުގެ ދަށުން ތުޅާދޫގައި ތަރައްޤީކުރާނީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއަރޕޯޓެކެވެ. މި މަސައްކަތުގެ ތެރޭގައި 55.4 ހެކްޓަރުގެ ބިން ހިއްކުމާއި، 2804 މީޓަރުގެ ހިލަ ރިވެޓްމެންޓަކާއި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރެވުނީ 2023 ވަނަ އަހަރު ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަނާއެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވުމާ ގުޅިގެން އެ އެއްބަސްވުން ބާޠިލުކުރުމަށްފަހު، މިހާރު މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ.

ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއާޕޯޓް މަޝްރޫޢު ފަށައިގެން، ހުއްޓުމެއްނެތި މަސައްކަތް ނިންމައި، އެއާޕޯޓް ހުޅުވިގެންދާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.