ތުޅާދޫއަކީ ބ. އަތޮޅުގެ ސަރަހައްދީ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަޒްޒިލްގެ ގޮތުގައި މިއަދު ވަނީ ތުޅާދޫ އަށް ވަޑައިގެންފައެވެ.
އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އައު 100 ހައުސިންގ ޔުނިޓް އެރަށުގައި އިމާރާތްކޮށް ދެއްވާނެކަމަށް ވަނީ އިޢުލާންކުރައްވާފައެވެ.
މީގެއިތުރުން، ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރުމުގެ މަސައްކަތް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. މިއީ ރައްޔިތުން އެދިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރެވޭ ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލުކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް، ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކަށް ސަރުކާރުން އިހްތިރާމްކުރައްވާނެ އެވެ.
ތުޅާދޫއަކީ ބ. އަތޮޅުގެ ސަރަހައްދީ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ތުޅާދޫގެ އެއާޕޯޓް މަޝްރޫޢު ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއާޕޯޓް މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ނިންމައި، އެއާޕޯޓް ހުޅުވިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެ ރަށުގެ ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަން ވެސް ރައީސް ވަނީ މިއަދު އިޢުލާންކުރަށްވާފައެވެ. މިގޮތުން ރަށުގެ ޞިއްޙީ މަރުކަޒުގައި ސްޕެޝަލިޓީގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރުންގެ ޚިދުމަތްވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!