ށ. ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި މަސައްކަތައް ހުޅުވާލަމުން ފޯކައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓް ލިންކުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޯގަސްޓް 17 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން info@foakaidhoo.gov.mv އަށް މެއިލްކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށެވެ.
އެގޮތުން މިކަމަށް ހުށަހަޅާ ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 އޯގަސްޓް 24 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ފޯކައިދޫ ކައުންސިލް އިދާރާގައެވެ.
ފޯކައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައިކަމަށާއި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެކަމަށެވެ.
މީގެ އިތުރުން މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
ފޯކައިދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އުސްފަސްގަނޑު އަދި ނޭޗަރ ޕާކު ކޮންސެޕްޓް ޑިޒައިނިންގ ގެ މަސައްކަތް ވަނީ މިދިޔަ ޖުލައި މަހު ފޯކައިދޫ ކައުންސިލުން ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކޮށްފައެވެ.
ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކުރެވުނު މި މަސައްކަތުގެ ދަށުން ނޭޗަރ ފާކުގެ ކޮންސެޕްޓް ޑިޒައިންކޮށް 3ޑީ ކޮށް ކުރަހައި، ނޭޗަރ ޕާކުގެ ފެންގަނޑުގެ އިތުރުން ބާބަކިއު އޭރިއާ އަކާއި ނަމާދު ކުރާ ކޮޓަރި އަދި ކެންޓީން ފަދަ ތަންތަނުގެ މަސައްކަތުގެ ތަފްސީލު ހިސާބު ހަދައި، އުސްފަސްގަނޑުގައި ހަދާ ފެރީ ޓާމިނަލް އާއި ވީއަޕީ އަދި ނަމާދުކުރާ ކޮޓަރި އާއި އިސްރަށްވެހިންގެ މަރުކަޒު ހިމެނޭގޮތަށް އުސްފަސްގަނޑު މަތީގައި ރެސްޓޯރެންޓެއް އެޅުމަށް 3ޑީ ކުރެހުމާއި އެ މަސައްކަތުގެ ތަފްސީލު ހިސާބުވެސް ވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!