ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިއަދު ފަށްޓަވައިދެއްވައިފިއެވެ.
މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ވަނީ ކަމަދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެލެއްވީ ކައުންސިލުގެ ރައީސް ޙަސަން ޒަރީރުއެވެ.
ކަމަދޫ ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. މިގޮތުން މިހާތަނަށް ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ.
މިހާތަނަށް ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކުރެވުނު އަތޮޅުތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކަމަދޫގައި ސީޕްލޭން އޮޕަރޭޝަން ފެށުމަށާއި، އެރަށުގައި އައު ސްކޫލެއް އެޅުމުގެ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!