އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްކޮލަރޝިޕް ދޫކޮށްފިއެވެ.
މި ސްކޮލަރޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ މިއަދު އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަރސިޓީގެ އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދޫކުރެވުނު 15 ސްކޮލަރޝިޕްގެ ތެރެއިން 5 ސްކޮލަރޝިޕަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕް ކަމަށްވާއިރު، 10 ސްކޮލަރޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލަރޝިޕެވެ.
އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީޢާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ ޢިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. މި ކޯހަކީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެއް ކަމަށްވެސް އެމްއެމްއޭއިން ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!