ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އިއްޔެ ހަވީރު ފަށައިފިއެވެ.
މުޅި ޖުމްލަ 8 ޓީމެއް ހިމެނޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި 4 ޓީމެއް ހިމެނޭގޮތަށެވެ. މިގޮތުން "ގްރޫޕް އޭ" ގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ހީވެސް ނުވޭ ޓީމެވެ. އަދި "ގްރޫޕް ބީ" ގައި ހިމެނެނީ ކެތި އަރާ، ކަނޑިތީމު ފުޓްބޯޅަ ޓީމް، މަގުލަސް ކްލަބް އަދި ހިރަފުސް ސްޕޯޓްސް ކަލަބް އެވެ.
މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 75،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ހަނިމާދޫ އަށް ނިސްބަތްވާ ޓީމެއްކަމަށްވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިންނެވެ. އަދި ރަނަރ އަޕް ޓީމް، ހިރިމަރަދޫ ޑޮމިނޭޓަރސް ޓީމަށް މިދިޔަ އަހަރު 20،000 ރުފިޔާ ވަނީ ލިބިފައެވެ. އެހެންނަމަވެސް މިއަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރ އަޕް ޓީމަށް ލިބޭ ފައިސާގެ އިނާމު މަތިކޮށް އިތުރަށް ވާދަވެރި މުބާރާތަކަށް މި މުބާރާތް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިއަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރ އަޕް ޓީމަށް ދޭން ނިންމާފައިވަނީ 50،000 ރުފިޔާއެވެ.
އިއްޔެ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށި މި މުބާރާތުގައި އެންމެ ފުރަތަމަ ބައްދަލުކުރީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ކްލަބް ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އެވެ.
މެޗު ނިމުން އިރު 2-2 އިން މެޗު އެއްވަރުވެފައިވާއިރު، އިއްޔެ މި މެޗުގެ "މޭން އޮފް ދަ މެޗް" ހޯދާފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ ޖަރޒީ ނަންބަރު 94، އާދަމް ސަލީމް އެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މި މުބާރާތުގެ މަޤުސަދަކީ، ކުޅުދުއްފުށި ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި، ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް، ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!