އިންޒާރުގެ މެސެޖު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެނުކުރެވޭގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ.
ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސްއާއި ނިކޮޓިން ޕައުޗް އިތުރުކޮށް، ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ރިކުއާމަންޓްސް ފޯ ހެލްތު ވާނިން" ގެ ފުރަތަމަ އިސްލާހު ގެޒެޓުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނެ ގޮތްތައް ކަނޑައަޅާފައިވާއިރު، އައު އުސޫލުގެ ދަށުން އަމަލު ކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 28 އިން ފެށިގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އުސޫލުގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ދުންފަތުގެ އެއްވެސް ބާވަތެއް ލޭބަލްކޮށްފިނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދުންފަތާއި ދެކޮޅަށް ފާހަގަ ކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުންކުރުން މަނާކުރުމަށް "ޖެނެރޭޝަން ބޭން" ގެނައުމަށް ނިންމުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް ކުރަން ޖެހޭ ކަންކަން ވެސް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!