ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލުކޮށްފިއެވެ.
މިއަދު މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު ރައީސް، އަލްއުސްތާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި ދެ ރަށުގެ މަސައްކަތް ހަވާލުކުރެވޭ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މާކެޓިންގ ޑިރެކްޓަރ، މުޙައްމަދު ޢިމާދެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ހއ. ވަށަފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމަކާއި، ލެބޯޓްރީ، ނާރސް ސްޓޭޝަން އަދި ޕްރޮސީޖަރ ރޫމެއްގެ އިތުރުން ގަރާޖަކާއި، ސްޓޯރ ރޫމެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު އަކީ 210 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމައި، މުޅި ޖުމްލަ 4.8 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
މީގެ އިތުރުން 180 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދަށުން ހއ. ތުރާކުނު ޞިއްޙީ މަރުކަޒުގައި އޮފީހަކާއި، މީޓިން ހޯލަކާއި، ފަބްލިކް ހެލްތް އޮފީހެއްގެ އިތުރުން ސްޓޯ އަދި ލޯންޑްރީ ޖާގައެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަގަކީ 3.4 މިލިއަން ރުފިޔާއެވެ.
މިއަދު މި ހަވާލުކުރެވުނު އެއްބަސްވުމުގެ ދަށުން ވަށަފަރު އަދި ތުރާކުނު ފިޔަވައި އިތުރު 4 ރަށެއް ވަނީ އަމިއްލަ 2 ކުންފުންޏަކާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!