އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް ތަޢުބީނުގެ ޖަލްސާއެއް ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފި އެވެ.

ހޯރަފުށީ ކައުންސިލުން ވަނީ، މިޖަލްސާގައި ބައިވެރިވެ ދެއްވުން އެދި ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ހއ. އަތޮޅު މަދަރުސާގެ ހޯލުގައެވެ.

Ad
rt

ބަހުގެ އެކި ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަހީދު އަވަހާރަވީ މިއަހަރުގެ އޭޕްރިލް މަހުގެ 14ވަނަ ދުވަހުއެވެ.

މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި މާލޭގައި ވެސް ވަނީ ތަޢުބީންގެ ޖަލްސާއެއް މިމަހުގެ 7 ވަނަ ދުވަހު ބާއްވާފައެވެ. މަޑުލު މުޙައްމަދު ވަހީދުގެ އާއިލާގެ ބޭފުޅުންނާއި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ގާތް ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ތަޢުބީނުގެ ޖަލްސާގައިވަނީ މަޑުލު މުޙައްމަދު ވަހީދުގެ ތަޢުޒިޔާގެ ދަފުތަރު އާއިލާއާ ހަވާލުކުރައްވާފައެވެ. މިތަޢުޒިޔާގެ ދަފުތަރާ އާއިލާގެ ފަރާތުން ހަވާލުވެލެއްވީ އަނބިކަނބަލުން ޙަބީބާ މުޙައްމަދުއެވެ.

މީގެއިތުރުން މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި "އަޅުގަނޑުމެންގެ މަޑުލު ވަހީދު"ގެ ނަމުގައި ފޮތެއްވަނީ ނެރުއްވާފައެވެ. އަދި މަޑުލު މުޙައްމަދު ވަހީދުގެ ޚިދުމަތުގެ މައްޗަށް ހަދާފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓަކާއި، ޅެމެއްވެސް މިޖަލްސާގައިވަނީ ހުށައަޅާފައެވެ.

މަޑުލު މުޙައްމަދު ވަޙީދަކީ ހަތަރު މަތިފުށް ހޯރަފުށީ ބޭފުޅެކެވެ. ކުރިން ނޫސްތަކުގައި ލިޔުއްވީވެސް ހޯރަފުށީ ވަހީދުގެ ނަމުންނެވެ. ފަހުން މާލެއަށް ރަޖިސްޓްރީ ބަދަލުކުރައްވާ ގެއަށް ކިޔުއްވީ، ހޯރަފުށީ ކައިރީގައި އޮންނަ މަޑުލުގެ ނަމުންނެވެ. އެއަށްފަހު ކޮލަމް ތަކާއި އާންމުކޮށް ކިޔާ ނަން މަޑުލު ވަޙީދަށް ބަދަލުވީ އެވެ.

ދިވެހިބަހާއި ސަޤާފަތުގެ ދާއިރާއިން ކުރެއްވި ޤައުމީ ޚިދުމަތްތަކަށް، ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ އިނާމު މަޑުލު ވަޙީދަށް ލިބިވަޑައިގެންނެވިއެވެ.

މަޑުލު މުޙައްމަދު ވަޙީދުވަނީ ބަހުގެ އެކިއެކި ދާއިރާތަކުން 60 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 1966ވަނަ އަހަރު ރަސްމީ ގޮތުން މަސައްކަތްތައް ފެއްޓެވީ ވުޒާރަތުއް ތިޖާރާގެ އިނގިރޭސި ކާތިބުގެ ވަޒީފާއާއެކުއެވެ. އޭރުވެސް ނުރަސްމީގޮތުން ތަޢުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. 1993ވަނަ އަހަރު ޤައުމީ މަރުކަޒުގެ ޚާއްސަ މުޝީރުކަން ކުރެއްވިއެވެ. މީގެއިތުރުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި ދިވެހި ބަހުގެ އެކެޑަމީގެ އިސް މަޤާމުތައް ފުރުއްވިއެވެ.