ދިވެހިރާއްޖޭގެ ހައި ސްޕީޑް ފެރީ ވިއުގައިގެ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދަށުން، ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޚިދުމަތް ފެށުމާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، އަތޮޅުގައި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށިގެންދާނެކަމަށާއި 28 ޖުލައިން ފެށިގެން 3 އޮގަސްޓުގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް އާރްޓީއެލް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދެވޭނީ މުޅީން ހިލޭ ކަމަށެވެ.

Ad
rt

ހިލޭ ދަތުރުތައް ހަމަޖައްސާފައިވަނީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމަށްޓަކައެވެ. މި މުއްދަތުގައި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމަށް ގުޅުއްވަންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

4 އޯގަސްޓު 2025 އިން ފެށިގެން ޒޯން 2 ގެ ބ. އަތޮޅުގެ އާރްޓީއެލް ފެރީ ޚިދުމަތުން ފައިސާ ނެގުން ފެށޭނެއެވެ. މި ދުވަހުން ފެށިގެން ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވި، ކަސްޓަމަރުން ޓިކެޓް ގަންނަންޖެހޭނީ ކުންފުނީގެ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށެވެ.

އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކިޔުއާރް ޓިކެޓް ގަތުމާ ގުޅޭ މަޢުލޫމާތު ކުންފުނީގެ ޔޫޓިއުބް ޗެނަލް އަދި އެހެނިހެން މީސްމީޑިއާ މަންސަތަކުން ލިބެން ހުންނާނެއެވެ.