ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓު ބުކްކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
އައިލެންޑް އޭވިއޭޝަނުން އިއުލާނުކުރި ގޮތުގައި އަންނަ މަހުން ފެށިގެން ޓިކެޓު ބުކްކުރާއިރު އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.
މި ބަދަލާއެކު، ދަތުރުވެރިންނަށް ޓިކެޓު ބުކްކުރުމަށް ހަމައެކަނި ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުން ފުދޭނެއެވެ. މޯލްޑިވިއަން އިން ފާހަގަކުރި ގޮތުގައި މިއީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށް، އަދި ކަސްޓަމަރުންގެ ޕްރައިވަސީ އާއި ހަލުވިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ޓިކެޓްގައި ދަތުރުވެރިޔާގެ ނަމުގައި ތަފާތެއް ހުރިނަމަ، އެކަން ރަނގަޅު ކުރުމަށް މޯލްޑިވިއަން ޓިކެޓިންގ އޮފީހާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އަދި 24/7 ކޯލް ސެންޓަރު މެދުވެރިކޮށް ހިލޭ ރަނގަޅު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެކަން އައިލެންޑް އޭވިއޭޝަނުން ހާއްސަކޮށް ފާހަގަކޮށްފައިވެއެވެ.
މިހާރު މޯލްޑިވިއަން އިން ރާއްޖޭގެ 18 މަންޒިލަކަށާއި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރަމުންދެއެވެ. މި އައު ބަދަލާއެކު ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!