ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ، އަންނަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާ ގޮތަށް ހަމަޖެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި، ދޭދޭ މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

Ad
mooomoo 1

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ދިސަނަޔަކަ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް އެކުގައެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

ލަންކާގެ ރައީސްގެ މި ދަތުރުފުޅު މި އަންނަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކާ ދިމާކޮށެވެ. މޯދީ މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

Ad
df

ރައީސް ދިސަނަޔަކަގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.