ށ. ފޯކައިދޫ ކައުންސިލުގެ 5 އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނޭ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެ ރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ ކައުންސިލުގެ 5 އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނޭ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ގަސް އިންދުމުގެ އެކްޓިވިޓީގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ހަރަކާތުގެ ދަށުން ފޯކައިދޫ ހޭޅިފަށު ސަރަހައްދުގައި ވަނީ ނިކަގަސް އިންދާފައެވެ. އަދި ދިވެހި ރުކާއި، ދިއްގާ، ހިރުނދު، މަގޫ، ބޯށި، ބޯކެޔޮ، ފިތުރޯނު ގަހުގެ އިތުރުން ކުރެދި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން މި މަސައްކަތަކީ މި ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެއްކީލި ހަރަކާތެއްކަންވެސް ފޯކައިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އެހީތެރިވުމަށް މަގުފަހިކޮށްދެއެވެ.
ފޯކައިދޫ ކައުންސިލުން ވަނީ މި ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ގަސް އިންދާފައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!