ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިޖިއޮލިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ލަފާކޮށްފިއެވެ.

އެގޮތުން މެޓް އޮފީހުން މިއަދު ނެރުނު މޫސުމީ ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށެވެ.

Ad
rt

ވައިވާބާރުބުމުގެ ސަބަބުން ވިލާގަނޑުގައި އިތުރަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތަކާއި ކަނޑު އޮޅިތަކުގެ އިތުރުން ވިލާގަނޑު ގަދަވާނެކަމަށާއި އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކޮށްފާނެކަމަށް މެޓް އޮފީހުން ބުނެފަވެއެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ މި ދުވަސްވަރު މޫސުން ގޯސްވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މެޓުން ވަނީ އެދިފައެވެ.

މޫސުމާއި ބެހޭ ފަހުގެ މައުލޫމާތު ހޯދުމަށް ގުޅަންޖެހޭ މެޓް އޮފީގެ ނަންބަރަކީ، ޑިއުޓީ ފޯކާސްޓް ނަންބަރު 332308 އެވެ.