ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީ ޚިދުމަތުގައި ހިމެނޭ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް އެ ރަށަކަށް ނިސްބަތްވާ ކައުންސިލަކާއި ހަވާލުކޮށްފިކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަން ހާމަކުރަމުން އެމިޓީސީސީން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޑް ނޭޝަނަލް ޕްބަލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ އާރުޓީއެލް ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް ނިސްބަތްވާ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން މި ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ޒިންމާ ދެން އަދާކުރާނީ އެ ރަށެއްގެ ކައުންސިލަކުން ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެގޮތުން ފެރީ ޓާމިންލަ ހަވާލުކުރެވުނު ރަށު ކައުންސިލަތަކުގައި ހިމެނޭ 6 ރަށަކީ، ހދ. ހަނިމާދޫ، ހއ. ހޯރަފުށީ، ހއ. އިހަވަންދޫ، ށ. ބިލެތްފަހި، ށ. ފުނަދޫ، އަދި ހއ. ދިއްދޫ އެވެ.

މީގެ އިތުރުން، ފެރީ ސްޓޮޕް ހަވާލުކުރެވުނު ރަށު ކައުންސިލްތަކުގައި ހިމެނޭ 12 ރަށަކީ، ހދ. ފިނޭ އަދި ހއ، މުރައިދޫ، ހއ. މޮޅަދޫ، ހއ. މާރަނދޫ، ހއ. ތުރާކުނު، ހއ. އުލިގަން، ށ. ފޭދޫ، ށ. ކޮމަންޑޫ، ހދ. ވައިކަރަދޫ، ހދ. ކުމުންދޫ އަދި ށ. ގޮއިދޫގެ އިތުރުން ހއ. ބާރަށަށެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، މި ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް އެ ކުންފުނިން އިމާރާތްކޮށްދީފައިވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ލުއި ފަސޭހައަށްޓަކައިކަމަށެވެ.

މީގެ އިތުރުން ދަތުރަށް ތައްޔާރުވެގެން ވަޑައިގަންނަވާ ދަތުރުވެރީންނަށް މަޑުކޮށްލަިގެން ތިބެވޭނެ އިންތިޒާމް މި ފެރީ ސްޓޮޕްތަކާއި ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެކަމަށާއި، މި ޚިދުމަތާއިބެހޭ އިތުރު މައުލޫމާތު ހޯދުމަށް 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.