ށ. އަތޮޅު ކައުންސިލުން، އެއަތޮޅުގައި ޞިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ހިންގުމަށް ނިންމާފައިވާ "ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)" ކޯހަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ށ.އަތޮޅު ތަރައްޤީގެ 5 އަހަރުދުވަހުގެ ޕްލޭންގައި ހިމެނައިގެން ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯހަށް ހުޅުވާލައި، ށ. އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާގޮތުން މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކީ ސައިންސް ގެ މާއްދާ ތަކުގެ ތެރެއިން އެއް މާއްދާ ހިމެނޭހެން ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވުމެވެ.
މި ކޯހުގެ ފީގެ ގޮތުގައި މުޅި ކޯހަށް 8،836 - 9،210 ދެމެދު އަދަދެއްގެ ރުފިޔާ ދައްކަން ޖެހޭއިރު، ށ. އަތޮޅުގެ ކޮންމެ ރަށަކުން 2 ކުއްޖަކަށް ކޯހުގެ 50 އިންސައްތަ ޑިސްކައުންޓް ދޭ ގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖުލައި 2025 ވާ ބުދަ ދުވަހު އަތޮޅު ކައުންސިލުން ހިއްސާކޮށްފައިވާ ފޯމް މެދުވެރިކޮށް ރަސްމީ ގަޑީގައި ހުށަހެޅުމަށް އަތޮޅު ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މީގެ އިތުރުން މި ކޯހާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 6540470 އަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!