ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުން އަވަސް ކުރުމަށްޓަކައި، އެފަރާތްތަކާއެކު އެމެންޑްމަންޓު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން، ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ޙަވާލުކޮށްފަވެއެވެ.
ނަމަވެސް، އެކި ސަބަބުތަކާހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަޙައްދު ބަދަލުވުމުގެ ސަބަބުން، އަލުން ގުރުއަތުލައި އެފަރާތްތަކަށް ލިބޭ ޕްލޮޓް ވަނީ ކަނޑައަޅާފައިކަން އެ މިނިސްޓްރީން ފާހަގަކޮށްފަވެއެވެ. މިގޮތަށް ކަނޑައަޅައި، އެފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި އެފަދަ އެއްވެސް ގޯއްޗެއް ނުވަތަ ފުލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް ބަންޑާރަ ގޯތި ދެވޭނީ، އެފަދަ އެއްވެސް ބަޔެއް ނުވަތަ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން ނުވަތަ ދޫކޮށްލަން ޝަރުތުކުރުމަށްފަހުގައެވެ. ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަންޏެވެ.
ކޮންޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއިން ދެކޭ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް މިހާރު ޙަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވާތީ، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިޞްލާހުކޮށްގެން މުޅި މައްސަލައަށް ޙައްލެއް ލިބިގެން ނުދާނެއެވެ.
އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 2025 މޭ 30 ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެފަރާތްތަކަށް ލިބުނު ގޯތި ޙަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާގުޅޭ މާއްދާ އިޞްލާޙުކުރުމަށްޓަކައި އެ މިނިސްޓްރީ އާއި ގޯތި ޙަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އެމެންޑްމަންޓު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކޮންޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.
މި ނޫސްބަޔާނާއި ގުޅިގެން ކޮންޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، އެ ނިސްޓްރީން ނިންމީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށެވެ. މިއީ އިތުރު ލަސްވުމެއް ނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ޙަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!