މިމަހު ޖަރުމަނުގައި އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަފަހަރަށް ރާއްޖެ ތަމްސީލްކުރުމަށް ހދ. ފިނެއަށް އުފަން، ކެއްކުމާއި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު އަބުދުލް ރަޝީދު (އަންކަލް) ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.
ދުނިޔޭގެ މައްޝޫރު ވޯލްޑް ޝެފްސް ވިލެޖްގެ 25 ވަނަ އައިކޭއޭ ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް މޯލްޑިވްސް އިން ބައިވެެރިވާން ނިންމައި، އެ ޖަމްޢިއްޔާގެ ފަރާތުން އެ ކެއްކުމުގެ އިވެންޓުގައި ރަޝީދުގެ އިތުރުން ދެން ބައިވެރިވާނީ ޖޫދީ ޚާލިދެވެ.

ރާއްޖޭގެ ދެ ކެއްކުންތެެެރިން ކަމުގައިވާ އަބްދުލް ރަޝީދާއި، ޖޫދީ ޚާލިދު އެ އިވެންޓުގައި ބައިވެރިވަނީ އަމިއްލަޚަރަދުގައެވެ. މި ދެ ކެއްކުންތެެރިންގެ ދަތުރުހަމަޖެހިފައިވަނީ ސްރީލަންކާގެ ރީޖަނަލް ޓީމްއާއި އެކުގައެވެ.
ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ޖާރުމަނުގައި ބޭއްވޭ މިހާއްސަ ކެެއްކުމުގެ އިވެންޓުގައި ރާއްޖޭގެ ތާރީހުގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.
14 ފެބްރުއަރީ 2020 އިން 19 ފެބްރުއަރީ 2020 ގެނިޔަލަށް ޖަރުމަނުގެ ސްޓަޓްގަރޓްގައި ބާއްވާ މިހާއްސަ އިވެންޓަކީ 30 ވަނަ އިންޓަރގެސްޓްރާ އިންޓަރނޭޝަނަލް ޓްރޭޑްޝޯވެސް ހިމެނޭގޮތަށް އެއްލައްކަ ފަނަރަހާސް އަކަފޫޓް ބޮޑު ސަރަހައްދެއްގައި ބާއްވާ އިވެންޓެކެވެ.
މިއިިވެންޓުގައި 1400 އެގްޒިބިޓަރސް، 2000 ޝެފުން އަދި 70 އެއްހާ ޤައުމުން ގާތްގަނޑަކަށް 100،000 އެއްހާމީހުން ބައިވެެރިވެއެވެ.
މިއިވެންޓަކީ 1896 ވަނައަހަރު ޖަރުމަނުގެ ކެއުން ދުނިޔެެއަށް ޕްރޮމޯޓްކޮށް އެހެންގައުމުތަކުގެ ސަޤާފީ ކެެއުންތަކުގެ ރަހަތައް ބަލާލާހެދުމުގެ މަގުސަދުގައި ޝެފުންގެ ގުރޫޕަކުންބާއްވަންފެށި އިވެންޓެކެވެ.
އެންމެފުރަތަމަ މިއިވެންޓް ބޭއްވުނީ 1900 ވަނަ އަހަރު 4 ޤައުމެެއްގެ ބައިވެެރިވުމާއެކު ފްރޭންކްފަރޓްގައެވެ. އެއަށްފަހު ޤަވާއިދުން ބާއްވާ މިއިވެންޓުގައި ޤައުމީ ކެއުންތަކާއި، ހުނަރާއި، ޓުއަރިޒަމް ޕްރޮމޯޓްކުރުމަަަށް އަހަރަކަށް ވުރެއް އަހަރެއް ބައިވެރިވާ ޝެފުން، އެގްޒިބިޓަރސް އަދި މިތަން ބަލަން ޒިޔާރަތްކުރާ މީހުން ދިޔައީ އިތުރުވަމުންނެވެ.
ޝެފް ގިލްޑްސް މޯލްޑިވްސްގެ ފަރާތުން އަންނަނީ 2024 ވަނައަހަރު ނެޝަނަލް ޓީމެއް ކަލްނަރީ އޮލިމްޕިކްސްގައި ބައިވެރިކުރުމަށް އުންމީދުކުރަމުންނެވެ. މިއީރާއްޖޭގެ ޝެފުންނަށްލިބޭ ފަހިފުރުސަތަކަށް ވެގެންދާނެއެވެ.
ޝެފްސް ގިލްޑް މޯލްޑިވްސްއިން ވަނީ ވޯލްޑް ޝެފް ވިލެޖްގައި އެޖަމްޢިއްޔާގެ ބޫތު ތައްޔާރުކުރުމަށް އެމްއެމްޕީއާރްސީ، މިނިސްޓްރީ އޮފް ޓުއަރިޒަމް، ހެޕީ މާކެޓް، ސުވެނިއަރސް ލައިމް ފިހާރަ، ބެޓިކްސެންޓަރ، ލިލީ އެންޓަރ ޕްރައިޒަސް ޕވޓ ލމޓ، ޔުނިވަރސަލް އެންޓަރޕްރައިޒަސް އަދި އެމްއެމްއައި ބެމްބޫ ސުވެނިއަރސް ފޯރުކޮށްދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެެއްއަދާ ކޮށްފެއެވެ.
މި އިވެންޓުގައި ބައިވެރިވާ ހދ. ފިނެއަށް އުފަން ރަޝީދަކީ ބައިނަލް އަޤުވާމީ ކެއްކުމުގެ މުބާރާތްތަކާއި، ކޭކު އެޅުމުގެ މުބާރާތްތަކުން ރަންމެޑަލް ހޯދާފައިވާ ފަރާތެކެވެ. އަދި ރަޝީދަށްވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން ކޭކު އެޅުމާއި ކޭކު ޑެކަރޭޝަންގެ ރޮނގުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިލައްވާފައެވެ. ރަޝީދަށް އެއިނާމު ލިބިލެއްވީ 2009 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!