ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަޢާރަފްކުރުމުގެ މަޤުސަދުގައި ބޮޑު ތިލަދުންމަތީގެ 11 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށް، ދަނޑުވެރިކަން ފަށައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ، މިއީ އެ ވުޒާރާއާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
އަދި މި ޕްރޮގްރާމަކީ އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވަލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ބޮޑު ތިލަދުންމަތީގެ އަތޮޅުތައް ކަމަށްވާ ހއ، ހދ، އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުތަކުގެ އަމާޒަކީ ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤުތިސާދަށް މަންފާ ލިބޭ ސިނާޢަތެއްގެ ގޮތުގައި ހަދައި، ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ބާވަތް މަދުކޮށް ދިވެހި ދަނޑުފަނގުތަކުން ސީދާ ނަފާ ލިބޭނެހެން ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މީގެ ކުރިން ގްރީންހައުސްތަކުގައި ހައްދަމުންދިޔައީ ކިއުކަމްބާ އަދި މެލަން އެކަންޏެވެ. އެހެންނަމަވެސް، މިހާރު 2 ބާވަތުގެ އިތުރުން ތަޖުރިބާކުރުމުގެ ގޮތުން މިރުސް، ކެޕްސިކަމް ފަދަ ބާވަތްތައް ހެދުމުގެ ތަމްރީނުތައް މެޕް ގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފައި ވަނީ ބޮޑު ތިލަދުންމަތީގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމްކުރެވިފައިވާ ކަމަށެވެ. މަސައްކަތް ފަށާފައި ވަނީ އޭގެތެރެއިން 11 ރަށެއްގައެވެ. ގްރީންހައުސް ގާއިމުކުރެވުނު ނަމަވެސް ގްރީންހައުސްގެ ހަރަކާތްތައް ނުފެށިވާ ރަށުގެ ނަމެއް އެ ވުޒާރާއިން ހާމައެއް ނުކުރެއެވެ.
ބޮޑު ތިލަދުންމަތީގައި ގްރީންހައުސް ޤާއިމްކޮށް ދަނޑުވެރިކަން ފަށާފައިވާ ރަށްތައް:
- ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމްފަރު އަދި ހދ. ވައިކަރަދޫ
- ހއ. ކެލާ، ހއ. އުލިގަމު، ހއ. މޮޅަދޫ އަދި ހއ. ފިއްލަދޫ
- ށ. ނަރުދޫ، ށ. ގޮއިދޫ އަދި ށ. ފޯކައިދޫ
މީގެ އިތުރުން ގްރީންހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރިކޮށް، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީނުތައްވެސް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން 224 އަށްވުރެއް ގިނަ ދަނޑުވެރިންނަށް ވަނީ މި ޕްރޮގްރާމުގެ ދަށުން ގްރީންހައުސް ތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!