ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ "ކުޅުދުއްފުށީ ރަނާސް" އިން އިންތިޒާމް ކޮށްގެން، އެ ސިޓީގައި ބާއްވާ "ކުޅުދުއްފުށީ 5 ކޭ" ރޯޑް ރޭސްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހަށް ހަމަވާނެއެވެ.

މި އަހަރުގެ ސެޕްޓެމްބަރ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭހުގައި ދެ ކެޓަގަރީއެއްގެ ދުވުން ހިމެނެއެވެ. އެއީ 5 ކިލޯމީޓަރުގެ ދުވުމަކާއި "ފަން މައިލް"ގެ ނަމުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ އަދި ބޮޑެތި މީހުންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ މީހުންނަށް ކަނޑައެޅިފައިވާ ދުވުމެކެވެ.

Ad
d

މި ދުވުމުގައި ހިމެނޭ 5 ކިލޯ މީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ 6 އަހަރުން މަތީގެ ފަރާތްތަކަށެވެ. ނަމަވެސް "ފަން މައިލް" ކެޓަގަރީގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެއެވެ. މި ދުވުމުގައި ރަޖިސްޓަރީވެ ދުވުން ނިންމާ ހުރިހާ ފަރާތްތަކަށް މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެކުރިން ވެސް ތަފާތު ދުވުންތައް ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ. ފަހަކަށް އައިސް ކުޅުދުއްފުށީގައި ދުވާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖޭގައި ބާއްވާ ފާހަގަ ކޮށްލެވޭ ބައެއް ދުވުމުގެ މުބާރާތްތަކުގައި އެ ރަށުގެ ދުވުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

މީގެއިތުރުން ދުވުމުގެ ގައުމީ ޓީމުގައި މިހާރު ވެސް އެ ސިޓީއަށް ނިސްބަތްވާ ދުވުންތެރިން ހިމެނެއެވެ. އިންޓަ ސްކޫލް ދުވުމުގެ މުބާރާތްތަކުގައި ވެސް އެ ސިޓީގެ ސްކޫލްތަކުގެ ދުވުންތެރިން އަންނަނީ ރަނގަޅު ނަތީޖާތައް ނެރެމުންނެވެ.

ކުޅުދުއްފުށީ 5 ކޭ ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

Ad
df

ލިންކް: https://tinyurl.com/kf5k2025