ށ.އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ގުޅިގެން ކުރިއަށް ގެންދިޔަ "ށ.އަތޮޅު ދަރުސް ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ޖޫން މަހުގެ 24 އިން 29 އަށް ށ.އަތޮޅުގެ ރަށްތަކުގެ ކުރިއަށް ގެންދެވުނު މި ދަރުސް ޕްރޮގްރާމުގައި ދަރުސް ދެއްވީ އައްޝައިޚް ޢާޒިމް ޚާލިދު އެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ޝެއިޚް ޢާޒިމް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ޝަކުރު ދެންނެވުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ.
ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިިޔާމް 'ތިލަދުން' އަށް މައުލޫމާތުދީ ވިދާޅުވީ، މި ޕްރޮގްރާމަކީ އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަދި ރަށުގެ ކައުންސިލުތަކާއި ޖަމިއްޔާތަކާއި ގުޅިގެން ށ އަތޮޅު ފޯކައިދޫ ފިޔަވައި އެ އަތޮޅުގެ އެހެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެއްކަމަށެވެ. އަދި ފޯކައިދޫގައި މި ދަރުސް ޕްރޮގްރާމު ކުރިއަށް ގެންދިޔަ ދުވަސްތަކުގައި ސަލަފް ޖަމިއްޔާ އިން ދީނީ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވާކަމަސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން ދަރުސް ބޭއްވި ރަށްރަށުގެ މިސްކިތްތަކުގައާއި، ޕަބްލިކް ދަރުސް ތަކާއި، ދީނީ ކަންކަމާއި ގުޅޭ ގޮތުން ސުވާލާއި ޖަވާބު ދިނުންވެސް ކުރިއަށް ގެންދެވުނުކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގެ މަޤުސަދަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިފައިވާ މުޖުތަމައުއެއް ށ.އަތޮޅުގައި ފެނިގެންދިއުންކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ވުޒާރާއިންނާއި އަތޮޅު ކައުންސިލުގެ އިތުރުން ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދާކަމަށް ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!