ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ދޫކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހޮޓާ އިމާރާތްކުރުމަށް ދޫކުރެވޭނީ 71,832 އަކަފޫޓުގެ ބިމެކެވެ. މި ބިމަކީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އޮތް ބިމެކެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ ޖުލައި 8 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވަރޗުއަލްކޮށް ޒޫމް މެދުވެރިކޮށެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 20 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖުލައި 7 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވުޒާރާގެ އީމެއިލް އެޑްރެހަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. އަދި ބީލަން ފޮތް ލިބެން ހުންނާނީ 2025 ވަނަ އަހަރުގެ ޖޫން 29 އިން ފެށިގެން އޮގަސްޓު 19 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ވެލާނާގޭގައި ހުންނަ ވުޒާރާގެ އޮފީހުންނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި ހޮޓަލުގެ ސަބަބުން އެ ސަރަހައްދުގެ ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.