މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ ޖަވާހިރުމަގުގައި ހުރި ފުލުހުންގެ ޗެކް ޕޮއިންޓުން މަޑުކުރަން އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖެހި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި ސައިކަލް ދުއްވި ފަރާތަކީ މާލެ، މ. ބަހާރުވިލާ، 18 އަހަރުގެ ޔޫނުސް ޚަލީލް ޢަބްދުﷲ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ފުލުހުން ބުނާ ގޮތުގައި، މި ހާދިސާ ހިނގީ ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖެހިއެވެ.
މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސައިކަލް ދުއްވި ޔޫނުސް ޚަލީލް ޢަބްދުﷲ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!