އިސްރާއީލާއި އީރާނުން، ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ޤަބޫލުކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިސްރާއީލާއި އީރާނުން އަންގާރަ ދުވަހު ޤަބޫލުކޮށްފައިވަނީ، މެދުއިރުމަތީގައި 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ހަނގުރާމަ ނިންމާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނެވެ. މިއީ ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާއެއް ދިނުމަށްފަހުގައެވެ.
ދެ ފަރާތުންވެސް މި އެއްބަސްވުން ޤަބޫލުކުރީ، އީރާނުން އަންގާރަ ދުވަހު ފަތިހު އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދިނުމުން މަދުވެގެން 4 މީހުން މަރުވުމަށްފަހުގައެވެ. އަދި އިސްރާއީލުންވެސް ފަތިހުގެ ވަގުތެއްގައި އީރާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ ހަމަލާތަކެއް ދިނެވެ.
އިސްރާއީލުގެ މާގެން ޑޭވިޑް އަދޮމް ރެސްކިއު ސަރވިސްއިން ބުނެފައިވަނީ ފަތިހުގެ މިސައިލް ހަމަލާގައި އިތުރު 8 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިސްރާއީލުން ޖޫން 13 ވަނަ ދުވަހު އީރާނުގެ ސަރަޙައްދުތަކަށް ކުއްލި ހަމަލާތަކެއް ދިނެވެ. އިސްރާއީލުގެ އިސްވެރިން ބުނެފައިވަނީ މިއީ އީރާނުން ނިއުކްލިއަރ ބޮން އުފެއްދުމުގެ ނުރައްކާ ކުރިމަތިވެފައިވާތީ، އެކަން ހުއްޓުވުމަށް ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށެވެ. އީރާނުން މިކަމަށް ޖަވާބުދީފައިވަނީ އިސްރާއީލަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީގެންނެވެ. އަދި އިސްރާއީލުންވެސް އީރާނުގެ ސަރަޙައްދުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!