ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ރަށު ނޮލެޖް ސެންޓަރުގައި ޤާއިމްކޮށްފައިވާ އާންމު ކުތުބުޚާނާ އަށް ޒިޔާރާތްކޮށްފައިވާ ފަރާތްތަކުގެ އަދަދު ޖުމްލަ 4665 އަށް އަރާފައިވާކަމަށް ކުޅުދުއްފުށި އާންމު ކުތުބުޚާނާގެ 2024 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ޤާއިމްކުރި މި ކުތުބުޚާނާ އަށް ރިއާޔަތްކޮށް އަހަރީ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓުގައި ވަނީ ކުތުބުޚާނާގެ މައިގަނޑު މަޤުސަދުތަކާއި، ޢަމަލުކުރެވޭ އުސޫލުތަކާއި، ފޯރުކޮށްދެވޭ ހިދުމަތްތަކާއި ކުރިއަށް ގެންދެވުނު ހަރަކާތްތައް ހިމަނާފައެވެ.
އަދި ކުތުބުޚާނާގައި ހުރި ފޮތްތަކުގެ އަދަދާއި، މެންބަރުންގެ އަދަދާއި، ކުތުބުޚާނާއަށް ޒިޔާރާތްކުރި ފަރާތްތަކުގެ ތަފާސްހިސާބަށް އަލިއަޅުވާލާފައެވެ. އެގޮތުން މި ރިޕޯޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކުތުބުޚާނާ އަށް ޒިޔާރާތްކޮށްފައިވާ ފަރާތްތަކުގެ އަދަދު 4665 އަށް އަރާފައިވާއިރު، މި ކުތުބުޚާނާގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ އަދަދު ވަނީ 127 އަށް އަރާފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު މި ކުތުބުޚާނާގެ ކަލެކްޝަންއަށް މުޅި ޖުމްލަ 4541 ފޮތް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި 78 ފަރާތަކުން ހަދިޔާގެ ގޮތުގައި 3623 ފޮތް ހަދިޔާކޮށްފައިވާއިރު، ކުތުބުޚާނާގެ ކަލެކްޝަންއަށް އިތުރުވި ފޮތްތަކުގެ ތެރެއިން ސީދާ ކުތުބުޚާނާއިން ގަނެފައިވާ 1032 ފޮތާއި، ޔޫ.އެސް.އެއިޑްގެ ފަރާތުން ދީފައިވާ 875 ފޮތުގެ އިތުރުން ސިޓީ ކައުންސިލުން ގަނެފައިވާ 695 ފޮތް ހިމެނެއެވެ.
މި ރިޕޯޓުގައި އިތުރަށް ހިމަނާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ލައިބްރަރީތަކުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 'ލިޓަރަރީ ސެލޫން' އިވެންޓް ވަނީ ފާހަގަކޮށްފައެވެ. މި އިވެންޓް ގެ ތެރޭގައި މުޅި ޖުމްލަ 5 އެޕިސޯޑް ވަނީ ބާއްވާފައިވާއިރު މި އިވެންޓަކީ މި ކުތުބުޚާނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.
އަދި މިދިޔަ އަހަރުގެ ތެރޭގައި 'ސްޓޯރީ ޓެލިންގ އެޑްވެންޗަރ' (އެސް.ޓީ.އޭ) ގެ އިތުރުން އެހެނިހެން ގިނަގުނަ ހަރަކާތްތައް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ހުރިހާ މަސައްކަތްތަކުގެ މަޤުސަދަކީ ކުތުބުޚާނާގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް މުޖުތަމަޢުގައި ކިޔުންތައް އާލާކޮށް ކުރިއެރުވުން ކަމަށްވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!