އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އިސްރާއީލަށް އަމާޒުކޮށް އިތުރު މިސައިލްތަކެއް ދޫކޮށްފިކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލަން އެއްބަސްވިތާ މާގިނަ އިރެއް ނުވަނީސް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަޙައްދު ތަކުން ބާރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ.
އޭއެފްޕީގައި ރިޕޯޓްކޮށްފައިވާގޮތުގައި، އީރާނުގެ މިސައިލްތަކުގެ އައު ރާޅެއް އިސްރާއީލަށް އަމާޒުވެފައި ވާތީ މި މިސައިލްތަކާއި ގުޅިގެން އިސްރާއީލްގެ ގިނަ ސަރަޙައްދުތަކަކުން ސައިރަންގެ ވަނީ އަޑު ގުގުމާލާފައެވެ. އަދި އިންޒާރު ލިބުމާއެކު ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ އަންގާފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ އީރާނުން ދޫކޮށްފައިވާ މިސައިލްތަކާ ގުޅިގެން ޤައުމުގެ އެކި ސަރަޙައްދުތަކުގައި ''އިންޒާރުގެ ނިޒާމު'' ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި މިސައިލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުތުރާއި ދެކުނުގައި ސައިރަން އިއްވާފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ނުވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން މަޑުމަޑުން ހަމަލާ ދިނުން ހުއްޓާލައިފިނަމަ، އީރާނުން ވެސް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލާއި އީރާނުން "12 ދުވަހުގެ ހަނގުރާމަ" ނިންމާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އިސްރާއީލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ގަޑިއިރުތަކެއް ކުރިން، އީރާނުން ވަނީ ޤަޠަރުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒަކަށް މިސައިލް ހަމަލާއެއް ދީފައެވެ. މިއީ އާދިއްތަ ދުވަހު އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އީރާނުން ބުނާ ގޮތުގައި ޖޫން 13 ގައި އިސްރާއީލުން ހަމަލާ ދޭން ފެށި ފަހުން 400 އަށް ވުރެ ގިނަ މީހުން، އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ ގޮތަށް، މަރުވެފައިވާ ކަމަށާއި މަދުވެގެން 3،056 މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. އިސްރާއީލުގައި މަދުވެގެން 24 މީހުން އީރާނުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
މި ހަނގުރާމަ ފަށާފައި ވަނީ އިސްރާއީލުންނެވެ. ދިފާއުގައި އީރާނުން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!