އިރާނުން އިސްރާއީލުގެ ޑްރޯނެއް ވައްޓާލައި އޭގެ ބައިތައް ފެންނަ ވީޑިއޯއެއް އިރާނުގެ މީޑިއާތަކުން އާންމުކޮށްފިއެވެ.

މިއަދު ވައްޓާލެވުނު ކަމަށް ބުނާ މި ޑްރޯނަކީ އިސްރާއީލުގެ ހަރމެސް 900 ބާވަތުގެ ޑްރޯނެކެވެ.

Ad
mooomoo 1

ލޮރެސްޓާން ނިއުސް އިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޑްރޯން ވައްޓާލީ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބާރުތަކުން ލޮރެސްޓާން ޕްރޮވިންސްގެ ޚުއްރަމްއާބާދުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އީރާނުން މީގެ ކުރިން ވެސް ވަނީ އިސްރާއީލުގެ ހަނގުރާމަތީ ބޯޓުތަކެއް ވެސް ވައްޓާލާފައެވެ.


އިސްރާއީލުން މިއަދުވެސް އީރާނަށް ހަމަލާދެމުން އަންނައިރު، އީރާނުން ވެސް ދަނީ ރައްދުގައި ހަމަލާތައް ދެމުންނެވެ.

13 ޖޫން 2025 ގައި އިސްރާއީލުން އީރާނާއި ދެކޮޅަަށް ފެށި ހަނގުރާމާގައި މިހާތަނަށް އީރާންގެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 3000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އީރާނުން ރައްދުގައި ދިން ހަމަލާތަކުގައި މިހާތަނަށް މަރުވެފައި ވަނީ 24 މީހުންކަމަށް އެ ޤަައުމުން ވަނީ ބުނެފައެވެ. އިސްރާއީލުން އެ ޤަައުމުގައި ބައިނަލް އަގްވާމީ މީޑިއާތަކަށް ވަރަށް ބޮޑަށް ހަރުކަށިވެ، ބްރޮޑްކާސްޓްކޮށް ހުއްދަދެނީ ވެސް އަސްކަރިއްޔާއިން ޗެކްކޮށް، ސެންސަރ ކުރުމަށްފަހުއެވެ. އެހެންވެ އިސްރާއީލަށް އަސްލު ލިބޭ ގެއްލުންތައް ވަނީ ވަންހަނާވެފައެވެ. އަދި އިސްރާއީލްގެ މީޑިއާއިން ވެސް ހަމަލާ އަމާޒުވާކަން އާންމުންގެ ސަމާލުކަމަށް ގެނައުން ފިޔަވާ ހަނގުރާމާގައި ލިބޭ ގެއްލުންތައް ނުދަށްކައެވެ.

Ad
df

އީރާންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުން މަދުވެފައި ވަނީ، އީރާނުން ހަމަލާ ދެނީ އިސްރާއީލްގެ އަސްކަރީ އަމާޒުތަކަށާއި، ސަރުކާރުގެ އަމާޒުތަކަށްކަމަށް ވުމުންނެވެ. ނަމަވެސް އިސްރާއީލުން އީރާނަށްދޭ ހަމަލާތަކުގައި ''ތަނެއް ދޮރެއް'' ނުބަލައެވެ. އާންމުން ދިރިއުޅޭ ބިލްޑިންގ ތަކަށާއި، އާންމުންނަށް އަމާޒުކޮށް ވެސް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ.