2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވަން ނިންމަވާފައިވާކަން މިރޭ އިޢުލާން ކުރައްވައިފިއެވެ.
މި ނިންމެވުން އިޢުލާން ކުރެއްވީ މާލޭގައި މިރޭ ބޭއްވި ޚާއްސަ ކެއުމެއްގައި ރައީސް ސޯލިހާ އެންމެ ގާތުން މަސައްކަތް ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ އިސް މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ރައީސް ސޯލިހުގެ މި ނިންމެވުމަށް ތާއީދު ފާޅުކުރައްވާފައެވެ.
މި ވަގުތު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.
ރައީސް ސޯލިހުގެ މި ނިންމެވުން އިޢުލާންކުރެއްވި ވަގުތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ދަނޑިވަޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓާ މެދު ޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އަންނަ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްގައި މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. މި ކޮންގްރެސް ބޭއްވުމަށް ރައީސް ސޯލިހު ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!