ޔަހޫދީ، ޒަޔަނިސްޓް އިޒުރޭލުން އިސްލާމީ ޤައުމެއް ކަމަށްވާ އީރާނަށް އިސްވެ ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އީރާނާއި އިޒުރޭލާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަންނާނެކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި އެކިގޮތްގޮތުން މި ހަނގުރާމައިގައި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލަށް މަދަދު ފޯރުކޮށްދޭނެކަން ވެސް އެއީ ޔަގީން ކަމެކެވެ. އިޒުރޭލުން މި ހަނގުރާމަ ފެށީ މި ޔަގީންކަމާއި ކަށަވަރުކަން އެ މީހުންނަށް އޮތީމައެވެ.
އިސްވެ އިޒުރޭލުން އިރާނަށް މި ދަނޑިވަޅުގައި ހަމަލާ ދިނުމަކީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އެންމެ ބޭނުންވާގޮތްކަމުގައި ނުވެދާނެއެވެ. އެހެން ނަމަވެސް ހަނގުރާމަ ފެށުމަށްފަހު އެމެރިކާއަކަށް ވެސް އަދި ހުޅަނގުގެ ޤައުމުތަކަކަށް ވެސް އިޒުރޭލު ދޫކޮށްލައިފައި ކުޅިބަލާކަށް ނުތިބެވޭނެއެވެ. އިޒުރޭލު ފުނޑިގެންދާތަން ބަލާކަށް ކެތެއް ނުވާނެއެވެ. ޔަހޫދީންތައް މަރުވެ، ދިރިތިބި މީހުން މަރަށް ބިރުން ރޮއިރޮއިފަައި ފިލަން ދުވާތަން ދެކޭކަށް ކެތެއް ނުވާނެއެވެ. އީރާނުން ޔަހޫދީ އިޒުރޭލުގެ ވަސް ފޮހެލަން ދެމުންދާ ބާރުގަދަ އަދި ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިޒުރޭލޭ ކިޔާ ޣައިރު ޤާނޫނީ ދައުލަތް ފުނޑުފުނޑުވެ ބިމުގެ ވެއްޔަށް ވާކަށް ދުލެއް ނުކުރާނެއެވެ.
މާޒީއަށް ބަލާއިރު އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލުގެ ހިމާޔަތުގައި އދ.ގައި ވީޓޯކޮށްފައިވާ ގަރާރުތައް ބުނަނީ މި ވާހަކައެވެ. ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގާނެވަރަކަށް ހިންގާނެ ގޮތަކަށް ހިންގަން އިޒުރޭލަށް ދީފައިވާ ލައިސަންސަކީ "އަމިއްލަ ނަފުސުގެ ދިފާޢުގައި" ހިތުހުރިކަމެއް ކުރުމުގެ ލައިސަންސެވެ. މީގެ ސަބަބުން މުޅި ދުނިޔެއަށް ގޮންޖަހައި، ޣައިރުޤާނޫނީ އެތައްއެތައް ޖަރީމާތަކެއް ހިންގަމުން ދާއިރު ވެސް އެންމެ ކުޑަމިނުން އެއިން ކަމެއްގައި އިޒުރޭލު ކުށްވެރިކޮށް ބަހެއް ބުނެލާނެ ޖާގަ ދުނިޔޭގެ އެހެން ޤައުމަކަށް ނުދޭ ބަޔަކު އިޒުރޭލުގައި ހިމަހިމަ ކޫރުމެއް ވެސް އެޅުމަށް ފުރުސަތު ދޭނެތޯއެވެ.
ޔަހޫދީ އަނިޔާވެރި އިޒުރޭލުން އީރާނަށް ހަމަލާ މި ދިނީ މިއަށްވުރެ އީރާނަށް ހަމަލާ ދިނުމަށް ރަނގަޅު ފުރުސަތެއް ނުލިބޭނެކަމަށް ބަލާފައެވެ. އީރާނާ އެއްކޮޅަށް މެދުއިރުމަތީގައި އޮތް ސީރިއާގެ ވެރިކަން ބަދަލުކޮށް ހުޅަނގާއި އިޒުރޭލުން ބޭނުންވާ ފާޑުގެ ވެރިޔަކު އެވަނީ އެ ޤައުމުގެ ވެރިކަމަށް ގެނެސްފައެވެ. މިހާރު ސީރިއާގެ ވައިގެ ސަރަހައްދު އިޒުރޭލަށް އޮތީ ހިތަކަށެވެ. ސީރިއާގެ ބޮޑު ބަޔަކަށް އިޒުރޭލުން އޮތީ އަތްގަދަކޮށްގެންނެވެ. މިހާރު އިޒުރޭލަށް ސީރިއާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނާންނާނެކަން އެވަނީ ކަށަވަރުކޮށްފައެވެ.
އީރާނުގެ ވާގި ލިބިގެން އިޒުރޭލާ ދެކޮޅަށް ހަނގުރާމަކުރާ ލުބުނާނުގެ ހިޒުބުﷲ ވަނީ މި ވަގުތު ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ސީރިއާގެ ވެރިކަމަށް ގެނައި ބަދަލާއެކު އަސްކަރީ އެހީގެ ޗޭނު ވަނީ ބުރިވެފައެވެ. އީރާނުން ވާގިވެރިވާ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރާ ޖަމާއަތްތަކުގެ ހަރަކާތްތައް ވެސް މި ވަގުތަށް ވަނީ މަޑުޖެހިފައެވެ. ޚާއްޞަކޮށް ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތްފަދަ ޖަމާޢަތްތައް އިޒުރޭލުން ކެނޑިނޭޅި ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ހަރަކާތެރި ވަނީ ވަރަށް ސިއްރިޔާތުގައެވެ.
އީރާނަށް ހަމަލާދޭން އިޒުރޭލުން މި ވަގުތުގެ ބޭނުން ހިފި އެންމެ މުހިންމު ކަމަކީ އެމެރިކާގެ ރައީސަކަށް މިވަގުތު ޑޮނަލްޑް ޓްރަމްޕް ހުންނެވުމެވެ. ޔަހޫދީންގެ ނުފޫޒާ ބާރު އިންތިހާއަށް ހިނގާ ވިޔަފާރިވެރިއަކަށް ރައީސް ޓްރަމްޕް ވާތީއެވެ. ރައީސް ޓްރަމްޕަކީ އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެހެން ނަމަވެސް އަރަބި ޤައުމުތަކުގެ ވެރީންނާ ވަރަށް ގާތްގުޅުމެއް ވަނީ ބިނާކުރައްވާފައެވެ. ރައީސް ޓްރަމްޕް ވިދާޅުނުވާ ގޮތަކަށް ބައެއް އަރަބިވެރީންނަށް ޗުއްޕު ވެސް ވިދާޅު ނުވެވޭނެކަން އިޒުރޭލަށް ޔަގީނެވެ.
ދެން އޮތީ ފަލަސްތީނުގެ މައްސަލައެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީ އިޒުރޭލު ވުޖޫދަށް ގެނައިން ދުވަހުން ފެށިގެން ވެސް އަރަބި މުސްލިމުންގެ މެދުގައި މިއަށްވުރެ ބޮޑަށް ޣީރަތްތެރިކަން ނެތް ދުވަސްވަރެއް ނާދެއެވެ. ޣައްޒާގައި މުސްލިމު ދަރީންތަކެއް ހައްގަކާ ނުލައި މަރައި ސުންނާފަތި ކުރަމުން ދަނީއެވެ. މުޅި ޣައްޒާ ތަޅާ ފުނޑުކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ބަނޑަށް މަރަމުންދާއިރު ވެސް ވަށައިގެން ތިބި މުސްލިމު ޤައުމުތައް އަދިވެސް ތިބީ ހިމޭނުންނެވެ. މާދުރުގައި އޮތް އީރާނުގެ ވާގިވެރިކަމާއެކު ހަނގުރާމަކުރާ ޔަމަނުގެ ހޫތީންނަށް ވާވަރުވެސް ނުވެއެވެ. އިޒުރޭލުގެ ވަށައިގެ ތިބި މުސްލިމުންގެ ފިނޑިކަމާއި ގޮތްކުޑަކަމާއި ލަދުކުޑަކަން މިހިސާބުގައި ހުރިއިރު އެއިން ޤައުމަކަށް އިޒުރޭލާ ދެކޮޅަށް ތެދުވާން ކެރޭނެ ހިތްވަރު ނުހުންނާނެކަން އިޒުރޭލަށް އެނގެއެވެ.
މިފަދަ އެތައް ސަބަބުތަކެއް ހުރުމާއެކު އިޒުރޭލުން ދަނޑިވަޅުގެ ފައިދާ ނަގައި މި އޮތީ އިރާނަށް ހަމަލާ ދީފައެވެ. މިހާރު މި ފެންނަނީ ހަމަލާ ދިންއިރު އީރާނުގެ އާރާއިބާރު އިޒުރޭލަށް ރަނގަޅަށް ވަޒަން ކުރެވިފައި ނެތްވަރެވެ. އިޒުރޭލުގެ ދިފާޢީ ނިޒާމު އީރާނުން ބޭނުން އިރަކު ފޫއަޅުވާލަނީއެވެ. ބަލަބަލާ ތިއްބައި އިޒުރޭލު ކުދިކުދިވެ ފުނޑުފުނޑު ވަނީއެވެ. މި ހާލަތުގައި އެމެރިކާއަށް މި ހަނގުރާމައިގެ ތެރެއަށް ނުވަދެއެއް ނުވާނެއެވެ. އެއަށްވުރެ އެމެރިކާއާއި ހަރަކާތްތެރިވާ ޔަހޫދީ ލޮބީ ގްރޫޕްތަކާއި ޔަހޫދީ މާފިޔާތަކާއި ކުންފުނިތަކުގެ ބާރު އެމެރިކާގެ ސަރުކާރުގެ މައްޗަށް މާ ގަދައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!