އަރަބި އަދި މުސްލިމު 21 ޤައުމުތަކަކުން އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތައް ކުށްވެރިކޮށް، އަދި ސަރަޙައްދީ ހަމަޖެހުމަށާއި، "އިސްތިސްނާއެއް ނެތި" ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމްކުރުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ.

މިޞްރުގެ ރަސްމީ ނޫސް އޭޖެންސީ މީނާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ބަޔާނަކީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުއްލަޠީފް، ސަރަޙައްދުގެ އެކި ޤައުމުތަކުގެ އޭނާގެ އެކުވެރިންނާ މަޝްވަރާކުރުމަށްފަހު މިސްރުގެ އިސްނެގުމުގެ މަތީން ނެރެފައިވާ ބަޔާނެކެވެ.

Ad
rt

މި ބަޔާނުގައި ބައިވެރިވާ ޤައުމުތަކަކީ ތުރުކީ، ޖޯޑަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ޕާކިސްތާން، ބަޙްރައިން، ބްރޫނާއީ، ޗާޑު، ގެމްބިއާ، އަލްޖީރިއާ، ކޮމޮރޯސް، ޖިބޫތީ، ސަޢޫދީ އަރަބިއްޔާ، ސޫދާން، ސޯމާލިއާ، އިރާޤު، އޮމާން، ޤަޠަރު، ކުވެއިތު، ލީބިއާ، މިޞްރު އަދި މޮރިޓޭނިއާއެވެ.

މި ބަޔާނުގައި މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އިސްރާއީލުން އީރާނުގެ ސަރަޙައްދަށް ދިން ހަމަލާތައް ކުށްވެރިކޮށް، އެއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރާ ޚިލާފު ކަމެއް ކަމުގައި ބުނެފައިވެއެވެ.

ގުޅިފައިވާ މި ބަޔާނުގައި ޤައުމުތަކުގެ މިނިވަންކަމާއި، ސަރަޙައްދީ ސަލާމަތްތެރިކަމާއި، އަވައްޓެރިންނާ ރަނގަޅު ގުޅުން ބޭއްވުމުގެ އުޞޫލުތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އަދި ޚިލާފުތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

މި ޤައުމުތަކުގެ ވަޒީރުން ވަނީ ނުރައްކާތެރި ގޮތަކަށް ކަންކަން ގޯސްވަމުންދާތީ "ފުން ކަންބޮޑުވުން" ފާޅުކޮށް، އެކަމުގެ ސަބަބުން ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެކަމަށް އިންޒާރުދީފައެވެ. އަދި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލާފަވެއެވެ.

ހުކުރު ދުވަހުން ފެށިގެން ސަރަޙައްދުގެ ހަމަނުޖެހުން އިތުރުވެފައިވަނީ އިސްރާއީލުން އީރާނުގެ އެކި ސަރަޙައްދުތަކަށް، އޭގެ ތެރޭގައި އަސްކަރީ އަދި ނިއުކްލިއަރ މަރުކަޒުތައް ހިމެނޭގޮތަށް، ރޭވިގެން ދިން ވައިގެ ހަމަލާތަކަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ތެހެރާނުން ދަނީ ބަދަލު ހިފުމުގެ ގޮތުން ހަމަލާތައް ދެމުންނެވެ.