ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސްއަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެއެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު ބީއެމްއެލުން އަންނަނީ މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ޑެލިވަރީ ކުރަމުންނެވެ. ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.
ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ނުހަނު އިސްކަމެއްދޭ ކަމަަށާއި ކާޑު ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާކަން ކަމަށެވެ. ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެއެވެ.
އެހެންކަމުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އިލްތިމާސްކުރެއެވެ.
ކާޑު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓް ނުވާނެ ކަމަށާއި ކާޑުން އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ. އަދިކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް ކަމަށާއި ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ ކަމަށް ބުންޏެވެ.
މާލޭ ސަރަހައްދުގައި ޕޯސްޓް މެދުވެރިކޮށް ކާޑު ޑެލިވަރީ ކުރިނަމަވެސް އަތޮޅު ތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުންދާނީ ބީއެމްއެލް މުވައްޒަފުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!